މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އިން ހިންގި ފުރަތަމަ ދެ ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ.
ހުރަވީ ސްކޫލުގައި އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު މެންބަރު އަދި ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދުއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި "ހުނަރު ވެހި" އިން ހިންގި ފުރަތަމަ ދެ ކޯސް ކަމަށްވާ ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް އަދި ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގެ ތިން ބެޗަކުން 42 ދަރިވަރަކު ދަސްވެނިވެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީސީއޯ މިހާދު ވިދާޅުވީ، ދަރިވަރުންގެ ކިޔެވުމުގެ ތެރެއިން ދަސްކުރާ ހުނަރުތަކަކީ އެ ދަރިވަރުންގެ މުސްތަގުބަލަށް މުހިންމު ފައިދާއެއް ކުރާނެ ކަންތައްތައް ކަމަށެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ހުނަރުވެރި ދިވެހިން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި ތައުލީމީ ނިޒާމުގެ ތެރެއިން މިފަދަ ތަމްރީނު ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި މިހާދު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ހަލީމް ވަނީ އެމްއޭސީއެލް އިން "ހުނަރު ވެހި" ތަރައްގީ ކޮށްދެއްވައި، ކޯސްތައް ކުރިއަށް ގެންދިއުމަށްޓަކައި ދެމުންގެންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.
އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލުގައި ގާއިމުކުރި "ހުނަރު ވެހި" އަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށާއި އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން، ހުނަރު ވެހިން ހިންގާ ކޯސްތަކަށް ބޭނުންވާ ސާމާނުތައް ވަނީ ހަދިޔާކޮށްފައެވެ. އެގޮތުން ވަޑާން ކުރުމަށާއި ކަރަންޓާއި ވަޔަރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނު އެމްއޭސީއެލް އިން ވަނީ ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ހުނަރު ވެހި ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކައްޗާއި އެހީތެރިކަން ވެސް އެމްއޭސީއެލް އިން ވަނީ ފޯރުކޮށް ދީފައެވެ.
