ހެލްތް ސެޓްފިކެޓަކާ ނުލައި ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ހުއްދިން މައްސަލައިގައި ޕޯޓް ކްލިއަރަންސްގައި މަސައްކަތް ކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މުވައްޒަފުންތަކެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، މި އަހަރުގެ މާޗު މަހުގެ ތެރޭގައި އެމްއެފްޑީއޭގެ ދެ އޮފިސަރަކަށް، ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތް ސެޓްފިކެޓާ ނުލައި، ކަނޑު މަގުންނާއި، ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރަން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ދައުވާ ކުރަނީ ދަފްތަރު ރސ 9244، އަހްމަދު ހާޝިމް އާއި ގދ. ތިނަދޫ، އަރަފާތު، އަހްމަދު ޒާހިިރުގެ މައްޗަށެވެނ

ހާޝިމް އާއި ޒާހިރުގެ މައްޗަށް ކުރަނީ، ގާނޫނު ނަންބަރު: 9/2014 ގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މި މައްސަލައިގައި ކުށް ސާބިތު ވެއްޖެ ނަމަ ކޮށްފައިވާ ކޮންމެ ދައުވާ އަކަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަދަބެއްގެ ގޮތުގައި ދޭނެ ކަމަށް ޕީޖީން ބުނެއެވެ.

ދައުވާ ލިބޭ މީހުންގެ ފަރާތުން މި އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާފައި ވީ ނަމަވެސް މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގާނޫނުތަކާ އުސީލުތަކާ ހިލާފަށް އަމަލުކޮށްފައި ވާތީ، އާންމު މަސްލަހަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.