ލ.ގަން އިންޖީނުގޭގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ، ލ.ގަން އިންޖީނުގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ލ. ގަމު އިންޖީނުގޭގައި ރޯވެ އަނދާފައިވާ މަންޒަރު / ފޮޓޯ: ދަ ޕްރެސް

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އިންޖީނުގޭގެ ބޮޑު ބައެއްގައި އަލިފާން ހިފާފައިވާއިރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން އާންމު ރައްޔިތުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މި ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.

އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެނީ ފެނަކައިން ކަމަށްވާއިރު އެ އިންޖީނުގެއިން ގަމު ތިން އަވަށަށް ކަރަންޓުގެ ހިދުމަތް ދެމުންދެއެއެވެ. އަލިފާން ރޯވުމާއެކު ހުރިހާ ސަރަހައްދަކުންވެސް ކަރަންޓު ކެނޑިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު 14:50 ހާއިރު ކަމަށެވެ. ނަމަވެސް އިންޖީނުގޭގައި އަލިފާން ރޯވީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ސާފުވެފައި ނުވާއިރު އެ ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހިއްސާކޮށްފައި ނުވެއެވެ.