މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވަނީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން، އެންގަންޖެހޭ ފަރާތްތަކަށް ދަތުރުގެ މައުލޫމާތު އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް އެދިފައެވެ. އަދި ދަތުރުކުރާ ކޮންމެ އުޅަނދެއްގައި ވެސް ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރިތޯ ދަތުރު ފެށުމުގެ ކުރިން ޗެކްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، ކަނޑައެޅިފައިވާ ވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށާއި، ރަނގަޅަށް އައްސާފައި ބެހެއްޓުމުގެ އިތުރުން ދަތުރުކުރާ ހުރިހާ ފަރާތްތަކުން ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.
ހަމަ އެހެންމެ ޑައިވިންގް އަދި ވޯޓާ ސްޕޯޓްސް ހަރަކާތްތައް އިންތިޒާމުކުރައްވާ ފަރާތްތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. ހާއްސަކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ހާލަތްތަކުގައި ކަނޑަށް ނުނިކުތުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.
މި ހަފްތާ ބަންދުގައި ވައިބާރުވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، މޫސުން އަލިވާން ފަށާނީ އަންގާރައިން ފެށިގެން ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މީގެ ކުރިން ވަނީ ބުނެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި މިއީ ކުއްލިއަކަށް ރާއްޖޭގެ ސަރަހައްދުގައި އުފެދުނު ވިލާގަނޑެއްގެ އަސަރު ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
