ދިވެހި ދައުލަތަށާއި ސިފައިންގެއަށް 46 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވައިފައިވާ މ. މާކަރީ، އަހްމަދު މަނިކު (ޖާދޫ އަހްމަދު މަނިކު) އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމާއެކު، ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، ޖާދޫ އަހުމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާކަމަށެވެ.
ރައީސް ވަނީ މަރްހޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާކުރައްވާފައެވެ.
އަހްމަދު މަނިކަކީ އެމްއެންޑީއެފްގައި ލެފްޓިނެންޓް ރޭންކާ ހަމައަށް ހިދުމަތްކުރެއްވުމަށްފަހު ރިޓަޔަރކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސް އޮފީހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އޭނާ ވަނީ 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރައްވައިފައެވެ.
2023 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިއުކޭޝަން (އެމްސީއެސްއީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭނާއަށް ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު އެރުވީ، ސިފައިންގޭގައި ކުރެއްވި އިހްލާސްތެރި އަދި ދިގުލީ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު ދިނުމުގެ ކޮމިޓީން ފާހަގަކުރި ގޮތުގައި، އޭނާއަކީ މަސައްކަތަށް ފަރުވާތެރި އަދި ތެދުވެރި މުވައްޒަފެކެވެ. މީގެ އިތުރުން، ސިފައިންގެ ތެރޭގައި އަލަށް ގުޅޭ ޒުވާން އޮފިސަރުންނަށް މަސައްކަތުގެ އުސޫލުތައް ދަސްކޮށްދެއްވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.
