މާލޭ ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދެ ބޯޓު ރޭގެ ވަގުތެއްގައި އޮޔާ ގޮސްފައިވާއިރު އެ ދެ ބޯޓު މިހާރު އަޑިއަށްގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ ސިނަމާލެ ބުރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް، އެ ބޯޓުތަކުގައި ތިބި 9 ފަޅުވެރިން ސަލާމަތްކޮށްފައިވާކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ މި ދެ ބޯޓަކީ ވަރަށް ބާވެފައިވާ ދެ ބޯޓަށްވުމާއެކު، ބޯޓަށް ދިޔަވެ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށްގޮސްފައިވާކަމަށެވެ.
މި ހާދިސާގައި ބޯޓުގައި ތިބި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ބްރިޖު އިމާރާތްކުރި ސެކަންޑް ހާބަރު އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރޭގައާއި މިއަދު ހެނދުނު ވަނީ ބްރިޖުގެ ހާލަތު ބަލައި އިންސްޕެކްޓް ކޮށްފައިކަމަށެވެ.
އިންސްޕެކްޝަނަށްފަހު މުއްތަލިބު ވިދާޅުވީ، ބްރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި، ލިބިފައިވަނީ ހަމައެކަނި މަތީ ފަށަލައަށް ލިބުނު ކުދިކުދި ސްކްރެޗްތަކެއްކަމަށެވެ. ޗައިނާގެ ހިލޭ އެހީގެ ދަށުން ވެވިފައިވާ މަރާމާތާއި ބެލެހެއްޓުމުގެ އެއްބަސްވުމުގެ ދަށުން އެސްއެޗްއީސީން އެ ބައިތައް މަރާމާތުކުރާނެ ކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
