ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އާއި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދު މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެމްޕީއެލް އިން ބުނީ، މެންބަރު ސަލީމް އަދި ނާޒިމް، މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކުރައްވާފައި ވަނީ ބަނދަރުގެ ހާލަތު ބައްލަވާލެއްވުމަށް ކަމަށެވެ. މި ޒިޔާރާތުގައި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭގޮތުން، ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ އެ ދެ ބޭފުޅުންނަށް މައުލޫމާތު ދެއްވާފައި ކަމަށް އެމްޕީއެލް އިން ބުނެއެވެ.
މާލޭ ވިޔަފާރި ބަނދަރުގައި ޖާގައިގެ ދަތިކަމަކީ ޒަމާނުއްސުރެ އޮތް މައްސަލައެކެވެ. މި ކަމާ ގުޅިގެން ބައެއް ފަހަރު މުދާ ހުސް ކުރުމުގައި ލަސްތަކާ ވެސް ކުރިމަތިލާން ޖެހި މިއީ ވިޔަފާރިވެރިން ކަންބޮޑުވާ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.
މި ކަމަށް ހައްލު ހޯދުމަށް މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. ޖާގައިގެ ދަތި ކަމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހެނީ ބޯޓުތަކުން ބާލާ މުދާ ހުސްކުރާ ކޮންޓެއިނަރުތައް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓުގައި ބަހައްޓަން ޖެހުމުންނެވެ. މިއީ އެ މަސައްކަތަށް ބޮޑު ޖާގައެއް ބޭނުންވާ ކަމަކަށްވުމާއެކު، މީގެ ސަބަބުން މާލޭގެ ޕޯޓަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
އެހެންކަމުން ބޯޓުތަކުން ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުށީގައި ބެހެއްޓޭ ގޮތަށް ހަމަޖެއްސުމަށް އެމްޕީއެލް އިން ވަނީ މަސައްކަތް ފަށާފައެވެ. ތިލަފުށީގައި އެމްޓީސީސީން ކުރިއަށްގެންދާ މަސައްކަތުގައި 60 މީޓަރުގެ ކީވޯލްއެއް، ނުވަތަ މަގުތު ޖެޓީއެއް ކޮންޓެއިނަރު ބޭލުމަށް ތަރައްގީ ކުރެއެވެ. ކޮންޓެއިނަރު ބެހެއްޓުމަށް ތިލަފުށީގައި ހަދާ އޭރިއާގައި، 20 ފޫޓުގެ 2000 އަށް ވުރެ ގިނަ ކޮންޓެއިނަރު އެއްފަހަރާ ބެހެއްޓޭނެ ޖާގަ ހަދާނެކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
