"އަލްމާކް ފިޔަ" ކޮޅުވެއްޓި ބަންޑުން ޖަހާލައި ގެއްލުނު 3 ވަނަ މީހާވެސް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިފައިވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ކޮޅުވެއްޓި (ލޭންޑިން ކްރާފްޓް) ބަންޑުން ޖަހާލާފައި މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ކޮޅުވެއްޓީގައި ދަތުރުކުރަމުންދިޔަ 7 މީހުންގެ ތެރެއިން 4 މީހަކު އެމްއެންޑީއެފްއިން ވަނީ ސަލާމަތްކޮށްފައެވެ.
އެ ހާދިސާގައި ޖުމްލަ 3 މީހަކު ވަނީ ގެއްލިފައެވެ. އަދި އެމީހުން ހޯދުމަށް އެމްއެންޑީއެފްއިން ކުރި މަސައްކަތުގެ ތެރެއިން ފުރަތަމަ ފެނިފައިވަނީ ގެއްލުނު ދިވެހި މީހާގެ ހަށިގަނޑެވެ. އެއީ ގއ.ދާންދޫ، ސަރުސޫނުގެ އުމުރުން 38 އަހަރުގެ އަހުމަދު ޝިފާންގެ ހަށިގަނޑެވެ.
ޝިފާންގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފެނިފައިވާއިރު، ގެއްލިގެންދިޔަ ހޯދަމުންދިޔަ އިންޑިއާ މީހާގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މި 2 މީހުންގެ ހަށިގަނޑު ވެސް ފެނިފައިވަނީ ކަނޑުއަޑިން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.