ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސަންގެ ދެ ކުންފުންޏަށް މި ދައުވާ ކުރަނީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން، މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ ވަނީ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
އެ މައްސަލާގެ ހުކުމްކުރި ދުވަހުގެ ތާވަލްގައި އެ މައްސަލަ ހިމަނާފައެއް ނުވާއިރު، އެ މައްސަލައިގެ ހުކުމް މިހާތަނަށް ވެސް ކޯޓުން ޝާއިއުކޮށްފައެއް ނުވެއެވެ. ކޯޓުން މައްސަލއިގެ ހުކުމް ޝާއިއު ނުކުރާނީ އެ ޝަރީއަތެއް ސިއްރުކޮށް ކުރިއަށް ގެންގޮސްފައިވާ ނަމައެވެ. އެ ނޫނީ ކޯޓުތަކުން ކުރާ ހުކުމްތައް ދުވަހުން ދުވަހަށް ޝާއިއު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލެއް ވިދާޅުވީއެ ޝަރީއަތް ސިއްރު ނުކުރާ ކަމަށާއި އެ މައްސަލައިގެ އަޑުއެހުން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވހުގެ ތާވަލްގައި ހިމްނާފައި ނެތީ އެއީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި ހުކުމް އާންމުކޮށްފައި ނުވަނީ ބައެއް މިފަދަ ހުކުމްތައް ރިޕޯޓް ނިންމާ ޝާއިއުކުރަން ދޭ އިރު ވަގުތު ނަގާ ކަމަށާއި އަދި އެ ހުކުމާއި ރިޕޯޓް ނުލިބޭތީ ޝާއިއުނުކުރާ ކަމަށެވެ. އެ ލިޔުންތައް ލިބުނު ހާ އަވަހަކަށް ޝާއިއު ކުރާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ. އެ މައްސަލަ މިހާރު އޮތީ ނިމުމާ ގާތަށް ގޮސްފައެވެ.