ރާއްޖޭގެ ރިސޯޓު ވިޔަފާރި ދާއިރާގައި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ރިސޯޓެއް ތަރައްގީ ކުރަމަށް ބޭނުންވާ 165 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ހޯދަން ސަރުކާރުގެ ސޮވެރިން ގެރެންޓީ އަކަށް އެދިއްޖެއެވެ.

ކ. އަތޮޅު އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުނީގެ ވެރިޔާގެ ހައިސިއްޔަތުން އަހުމަދު ސިޔާމް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މި މަހުގެ 7 ވަނަ ދުވަހު ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ އެމަރަލްޑް ލެގޫންގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

1500 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ އެ ޕްރޮޖެކްޓަށް 165 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށް އެ ސިޓީގާއި ވަނީ ބުނެފައެވެ. އަދި ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުގެ ޝައުގުވެރިކަން އެ ޕްރޮޖެކްޓަށް ހުރިކަން ފާހަގަކޮށް ސިޓީގައި އިތުރަށް ބުނެފައި ވަނީ އެކަމަށް ބޭނުންވާ ފައިސާ ޗައިނާގެ ބޭންކަކުން ހަމަޖެހެން އޮތީ ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ ލިޔުމުން ލިބިގެން ކަމަށެވެ.

ސަރުކާރުގެ ސޮވެރިން ގެރެންޓީ އަމިއްލަ ފަރާތްތަކަށް ދެވޭ އުސޫލެއް އާންމުކޮށްފައިވާއިރު، އެ އުސޫލުގެ ދަށުން 4 ޕަސެންޓަށްވުރެ ދަށް އިންޓްރެސްޓުގައި ނަގާ ލޯނުތަކަށް ސަރުުކާރުގެ ސޮވެރިން ގެރެންޓީ ދެވޭ އުސޫލެއް އޮންނަކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް 2018 ވަނަ އަހަރު އެ މަޝްރޫއު ހިންގަން ބޭނުންވާ ފައިސާ ހޯދުމަށް ސޮވެރިން ގެރެންޓީ ދިނުމަށް އޭރުގެ ސަރުކާރުން ނިންމާފައި ވާކަން ބަޔާންކޮށް އެ ސަރުކާރުން އެމަރަލޭންޑް ކުންފުންޏަށް އޭރު ފޮނުވާފައިވާ ސިޓީ އެޓޭޗް ކޮށްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ.

ސަރުކާރުން މިހާތަނަށް ސިޔާމަށް ސޮވެރިން ގެރެންޓީ ދީފައިވާ ކަމެއް އެންގިފައިނުވާއިރު މީގެ ކުރިންވެސް ސިޔާމުގެ ކުންފުންޏަކުން ވަނީ ނ. ދިގުރަށުގައި ތަރައްގީ ކުރި 'ސިޔާމް ވޯލްޑު' ތަރައްގީކޮށް ހިންގުމަށް 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރުގެ ގެރެންޓީއާއެކު 127 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ.

މިފަދަ އެދުމެއް ސަރުކާރުގައި ސިޔާމް އެދިފައިވާއިރު އެމްޑިއޭއިން ވަނީ ސަރުކާރާއެކީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޭރުގެ އެމްޑީޕީ ސަރުކާރާއެކު ކޯލިޝަން ހެދި މީދޫ ދާއިރާގެ މެންބަރުން އަހުމަދު ސިޔާމް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުއިއްޒުއާ ގުޅިވަޑައިގެންފައެވެ.

އަދި ދާދިފަހުން ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސިޔާމްގެ އަމިއްލަ ޕާޓީ، އެމްޑީއޭގެ ފަރާތުވާދަކޮށް މީދޫ ދާއިރާގެ ގޮނޑި ފަސްވަނަ ދައުރަކަށް އޭނާ ދިފާއުކޮށްފައި ވެއެވެ.