ރ. ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އެ ކުންފުނީގެ ފަރާތުން ހުށަހަޅައިފިއެވެ.

ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަންޓެރެވަން ސިޔާމް)ގެ ކުންފުނި ކަމުގައިވާ ސަން އިންވެސްޓްމަންޓްގެ މައްޗަށް އުފުލާފައިވާ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި މައްސަލައިގައި ދިފާއި ހެއްކެއްގެ ގޮތުގައި 2 ނަމަކާއި ކިތާބީ ހެއްކެއްގެ ގޮތުގައި 30 ލިޔުމެއް މިއަދު ހުށަހަޅައިފިއެވެ.

ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ރައީސް ޔާމީންގެ އިތުރުން ސަން ކުންފުނީގެ މުވައްޒަފެއް ކަމުގައިވާ މުހައްމަދު ޝާމިލްގެ ނަމެވެ. އަދި ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަލާފައިވާ ލިޔުންތަކުގެ ތެރޭގައި ރައީސް ޔާމީންގެ ތަހުގީގު ބަޔާނާއި، އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް ލިޔުންތަކާއި، އެ ކުންފުނީގެ މުވައްޒަފުންނާއި ވިޔަފާރީގެ މުއާމަލާތްތައް ހިމެނެއެވެ.

އެ އަޑުއެހުމުގައި ސަން ކުންފުނީގެ ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވީ އެ ކުންފުނީގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަން ހުށަހެޅުއްވީ އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެއަށްވާ ދިވެހި ރުފިޔާ އެމަނިކުފާނަށް އެ ކުންފުނިން ދޫކުރިކަން ސާބިތު ކުރަން ކަމަށެވެ. އަދި ދައުލަތުގެ ވަކީލުންނަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަށް ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ލިޔުންތައް ހިއްސާ ކުރުމުގައި އިއުތިޒާރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ލިޔުންތައް އާންމު ނުކުރެވޭ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށް އެ ކުންފުނިން އެދުނެވެ.

ސަން ކުންފުނީގެ ފަރާތުން ދީފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަން ހުށަހެޅިއިރު، ދައުލަތުގެ ފަރާތުން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަނީ ސަންއާ ދެކޮޅަށް ހެކި ބަސް ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ހުށަހަޅާފައެވެ.

އެމްއެމްޕީއާރުސީ ބައެއް ހިޔާނާތާ ގުޅިގެން މިހާތަނަށް 3 ބޭފުޅަކަށް ވަނީ ހުކުމް ކޮށްފައެވެ. އެއީ ކުރީގެ ރައީސް ޔާމީނާއި އަދީބުގެ އިތުރުން ޒިޔަތެވެ. އެގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލާފައި ވާއިރު، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައި 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ޒިޔަތު 11 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.