ހިލްޓަން އިންޓަނޭޝަނަލް އަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ސަން ސިޔާމް ގެ ކުންފުނި، ސަން ޓްރެވަލްސްގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ އެފަރާތުން ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި އެ ފައިސާ ދެ ހަފުތާ ތެރޭގައި ދެއްކުމަށް ސަން ޓްރެވަލްގެ މައްޗަށް ހުކުމް ކުރުމުން އިސްތިއުނާފު ކުރަން ހައިކޯޓަަށް ހުށަހަޅައިފިއެވެ.
މި ހުކުމަކީ ފެބްރުއަރީ 27، 2009 ވަނަ އަހަރު ސަން ޓްރެވަލްސް އިން ހިލްޓަން އާއެކު، ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފައިވާ ހުކުމެކެވެ. އަދި އެ ހުކުމުގައި ސިޔާމް ކުންފުނިން، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ނަގައިދިނުމަށް އެ އަމުރުކޮށްފައި ވެއެވެ.
ނަމަވެސް އެ ފައިސާ ސިޔާމް ކުންފުނިން ނުދައްކާތީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމަށް ހިލްޓަން އިން ރާއްޖޭގެ ކޯޓަށް މައްސަލަ ހުށަހެޅީއެވެ. އެގޮތުން ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ ހުކުމުގައި ބުނެފައިވަނީ ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުން ބަލައިނުގަވެނޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން ބާކީ ދައްކަން ޖެހޭ ފައިސާ އަދި ޖޫރިމަނާއަށް އަރަމުން އަންނަ ފައިސާ، އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައި ވެއެވެ.
މި ހުކުމަށް އިއުތިރާޒު ކޮށް ސަން ޓްރެވެލް ކުންފުނިން ބުނީ ހިލްޓަނުން އެއްބަސްވުުން ގާއިމްކުރީ ރާއްޖޭގެ ޕަބްލިކް ޕޮލިސީއާ ހިލާފަށް ކަމަށެވެ. ސަން ޓްރެވަލްސް އިން މިހެން ބުނި ނަމަވެސް އެކަން ސާބިތުކުރެވޭނެ ގާނޫނީ ސަބަބެއް އެ ކުންފުންޏަކަށް ކިޔައިދެވިފައި ނުވާކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައި ވެއެވެ.
ސަން ޓްރެވަލްސް އަކީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިން ސިޔާމް ގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން ސަން ޓްރެވަލްސްގެ އެކައުންޓްތައް ވެސް ފްރީޒް ކުރިއެވެ.
ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ 2017 ވަނަ އަހަރު ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.