ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ހިންގިއިރުގެ މައްޗަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލާ ނެރުނު އޮޑިޓް ރިޕޯޓަކީ އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް ބިރު ދައްކައިގެން ސަރުކާރުން ކުރި ކަމެއް ކަމަށް, އެ ޕާޓީން ތުހުމަތުކޮށްފިއެވެ.

2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ފެނަކައިން ހިންގި އެތައް ހިޔާނާތަކާއި ކޮރަޕްޝަންގެ މައުލޫމާތު ހިމެނޭ ރިޕޯޓު އޮޑިޓް އޮފީހުން އާންމުކުރީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެ ތިން އަހަރުން ފެނަކައިން ދެ ބިލިއަން ރުފިޔާއަށް ވުރެން ގިނަ މުއާމަލާތް ހިންގާފައިވާއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައި ވަނީ ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތަކަށެވެ.

އެ ރިޕޯޓާއި ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކުރި ކުރުން ކުށްވެރިކޮށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންދާ ކަމަށެވެ.

އަދި އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް މަރުހަބާ ކިޔާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، ސަރުކާރުގެ 'ޕްރޮޕަގަންޑާ މެޝިނުން' ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް އެ ޕާޓީން ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައި ކަމަށެވެ.

"މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ވަނީ ނަގާފައި. ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު މުއިއްޒު ހިންގަވަމުން ގެންދަވާއިރު އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދިޔުމަކީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމުގެ ހެއްކެއް"
އެމްޑީޕީގެ ބަޔާން

ހަމަ އެހެންމެ މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި މި ރިޕޯޓު އާންމުކުރުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެކެއް ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

"ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް މި ޕާޓީން ދެކެން. އަދި އެ ރިޕޯޓަކީ ތިނެއް އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް," އެމްޑީޕީން ބުންޏެވެ.

އާންމުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތުމާއެކު "ޕްރޮޕަގަންޑާ ފެތުރުމަށް" އަންނަ ބުރާސްފަތި ދުވަހު, ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމާފައިވާކަން ފާހަގަކޮށް އެމްޑީޕީން ވަނީ ސަރުކާރުން ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް އަންނަ ހުކުރު ދުވަހު މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހިރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

ފެނަކަގެ އޮޑިޓް ރިޕޯޓްގައި ސީރިއަސް މައްސަލަތަކެއް ފާހަގަ ކޮށްފައިވާއިރު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ މިއަދު ވަނީ 4 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. އަދި މީގެ އިތުރުން ވެސް ސައީދުގެ ކޮރަޕްޝަން އާއި ގުޅޭ އެކި މައްސަކަތައް ކޯޓުގައި ހިނގަމުން އެބަދެއެވެ.