ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގައި މާސްޓާސް ހަދަމުންދަނިކޮށް ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ނިޔާވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ، 29، އެވެ. ލުޖައިނާ ނިޔާވެފައިވަނީ ކޯސް ފުރިހަމަކުރުމަށްފަހު މި މަހު ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ލުޖައިނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ އާއިލާއަށް ވެސް އޭނާއާ ނުގުޅޭތާ ދެ ދުވަސް ފަހުން އޭނާ ދިރިއުޅޭ ކޮޓަރީގައި ހަބަރު ހުސްވެފައި އޮއްވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ލުޖައިނާގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު، ކަށު ނަމާދު ޕޭޖުގައި ވާގޮތުން ލުޖައިނާގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ލުޖައިނާ ނިޔާވުމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާ 2022 ވަނަ އަހަރު ގުޅުނު ލުޖައިނާ އަކީ އެންމެންނާވެސް ގުޅޭ ހީވާގި މުވައްޒަފެއް ކަމަށާއި ނަމޫނާ މުވައްޒަފެއް ކަމަށެވެ.

ފޮރިން މިިސްޓްރީން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށާއި ރަހުމަތްތެރިންނަށް ތައުޒިޔާ ވިދާޅުވާ ކަމަށާއި މަރުހޫމާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްދުން އެދި ދުއާ ކުރާ ކަމަށެވެ.