ހދ. ވައިކަރަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެއެކު މިހާރު އޮތް ބަނދަރުގެ ޑިޒައިނަށް ބަދަލުތަކެއް އަންނާނެކަމަށާއި އެގޮތުން ނެރު ފުޅާވެ، އުދަ އެރުމުގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ. އަދި ފަޅަށް ވަންނަ މަސް މަރުވުމުގެ މައްސަލަވެސް ހައްލު ވެގެން ދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
1800 މީހުންގެ އާބާދީއެއް އޮންނަ ވައިކަރަދޫއަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް މަޝްހޫރު ރަށެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމުމާއެކު ރަށަށް އިގްތިސާދީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 2700 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއ،ި 366 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓެއް ލުމުގެ އިތުރުން 74 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުން އަދި 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.
މި މަޝްރޫއަކީ 34.40 މިލިއަން ރުފިޔާއަށް 330 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ. އެމްޓީސީސީން ވަނީ އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ބުނެފައެވެ.