މި އަހަރަކީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ތާރީހުގައި ވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ އަހަރު ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ޕީއެސްއެމްއިން ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ރޭގެ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު އެކަނިވެސް 800 އަށް ވުރެ ގިނަ މަޝްރޫއުގެ މަސައްކަތް އެ މިނިސްޓްރީއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި މިއީ މިނިސްޓްރީގެ މާޒީގައި ވެސް މިހާ ގިނަ އަދަދެއްގެ މަސައްކަތް އެއް އަހަރެއްގެ ތެރޭގައި ތަންފީޒުކުރަން ފެށި ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޭގެ ތެރެއިން ގިނަ ކަންކަން މިހާރު ވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން 130 އަށް ވުރެ ގިނަ މަޝްރޫއު އެއްކޮށް ނިންމައި، ރައްޔިތުންގެ ބޭނުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރަށް ތާވަލުކުރެވުނު ޕްރޮޖެކްޓްތަކުގެ ތެރެއިން އަމަލީ މަސައްކަތް ނުފެށި ވަނީ އެންމެ 31 ޕަސެންޓް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ފުޓްބޯޅަ ދަނޑުތަކާއި، ފިޓްނަސް ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކުގެ އިތުރުން އެކި ކުޅިވަރުތަކަށް ހާއްސަ ކޯޓުތައް ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
އުމްރާނީ ތަރައްގީގެ އިތުރުން އިންސާނީ ވަސީލަތް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރާފިއު ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށްގެން ފަންނީ އެކި ތަމްރީނު ޕްރޮގްރާމްތައް ވެސް ހިންގަމުންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ކުރިއަށްގެންދިޔަ އެއާ ކޮންޑިޝަން މަރާމާތު ކުރުމުގެ ކޯސްތައް ނިންމި ޒުވާނުން، މިހާރު އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަކަން އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ކޯޗިންނާއި ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 33 އަހަރު ތެރޭގައި އިންޑޯ އެންމެ ހޯލަކަށް ބަރޯސާވާން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެމްއޭސީއެލްއާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރާ ބޮޑު މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު އަބްދުﷲ ރާފިއު ރޭގެ ފޯރަމްގައި އިއުލާނު ކުރެއްވިއެވެ.
