ބޭންކްތަކުން ދޫކޮށްފައިވާ ކާޑު ބޭނުން ނުކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުން ކުރެވޭ ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފް ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ، މި ހިދުމަތް ދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ގެ ތެރެއިން ކަމަށެވެ. އަންނަ އަހަރު މި ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި އޭރުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ނެޝަނަލް ކިއުއާރް ކޯޑާ އެކު ހުރިރާ ވެންޑަރުންނަށް ވެސް ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށާއި މިހާރު ބޭންކުތަކުން ކާޑުތަކުން ފައިސާ ދައްކާ އިރު ނަގާ ފީ ވެސް ނުނަގާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.

މި ހިދުމަތަށް ހާއްސަކޮށް ރާއްޖޭގެ ބޭންކްތަކާ ގުޅިގެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ކުންފުނީގެ ބޭނުމަކީ، ޕޭމަންޓްތައް ހެދުމުގައި އާންމުނަށް ލުއިފަސޭހަ އާ ޒަމާނީ ހިދުމަތްތައް ތައާރަފް ކުރުމެވެ. އެ ކުންފުނި މަސައްކަތް ކުރާނީ ދުނިޔޭގެ އެހެން ނެޝަނަލް ޕޭމަންޓްތައް ހިންގުމަށް ހަދާފައިވާ ކުންފުނިތައް މަސައްކަތް ކުރާ އުސޫލުންނެވެ. މިކަމަށް ޕޭމަންޓް ސިސްޓަމުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ވެސް އެމްއެމްއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.