މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަން ކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ، އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލު ކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެފްއައިޔޫގެ ހެޑްގެ މަގާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަން ކޮށްފައި ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.

އަޝްރަފް ބަދަލުކުރީ ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމެންޓްގެ ވެރިޔާގެ މަގާމަށެވެ. އަދި އެފްއައިޔޫގެ ވެރިއަކަށް އައްޔަން ކުރި ސާޖިދަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.

އެފްއައިޔޫގެ ވެރިޔާ ބަދަލު ކުރި އިރު ބާރު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ގެ މަސްލަތު އޮންނަ ކުންފުނިތަކަކަށް ދައުލަތުން 43 މިލިއަނެއްހާ ރުފިޔާ ދީ ހިންގާފައި ވާ މުއާމަލާތްތަކަކާ ގުޅޭ ރިޕޯޓެއް ސޯޝަލްމީޑިއާގައި ވަނީ ލީކް ވެފައެވެ. 24 ސޮފްހާގެ މައްޗަށް އެކުލަވާލާފައިވާ އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ ބައެއް މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ، އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައި ވާކަން ހާމަ ވެއެވެ.

ޝުޖާއު ވިދާޅުވަނީ، ރިޕޯޓުތަކުގެ ސައްހަކަން އޭނާ އަށް ކަށަވަރު ނުވާ ކަމަށެވެ.