ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްދާ ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުން ކުރިއަށް ދާނީ މި ޖުލައި މަހުގެ 28 އިން 29 އަށް ނިއުޔޯކްގައި ހުންނަ އދ ގެ މައި މަރުކަޒުގައެވެ.

ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އަލީ ނަސީރް މުހައްމަދުއެވެ. އަދި މި ކޮންފަރަންސް ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން އެ މަނިކުފާނު ތަގުރީރުކުރައްވާނެއެވެ.

މި ކޮންފަރަންސް ބޭއްވިގެން ދަނީ އދ ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުންނެވެ. ފްރާންސް އަދި ސައޫދީ އަރަބިއްޔާ އިން ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީއަލް ބައްދަލުވުމުގައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާ ތައް ހުށަހަޅާ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން ރަމްޒުކޮށްދޭއިރު އދ ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށް ރާއްޖެއިން ދަނީ ވަކާލާތުކުރަމުންނެވެ. އަދި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅުމަށްޓަކައި ރާއްޖެއިން ވަކާލާތު ކުރަމުން ދެއެވެ.