މާލީ އެކި ސަބަބުތަކާ ހުރެ މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި "ހިޔާވެހި ފައިނޭންސިން ސްކީމް" ގެ ދަށުން މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރުމަށް އެޕްރޫވްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓްތައް ދައްކާ ގޮތުން، މިހާތަނަށް ބޭންކުތައް މެދުވެރިކޮށް 839 ފަރާތަކަށް ފައިނޭންސް ދޫކުރުމަށް ވަނީ އެޕްރޫވް ކުރެވިފައެވެ. އެއީ ޖުމްލަ 1,084,537,557.48 އެވެ.
މި ސްކީމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެކި ކެޓަގަރީތަކުން ލިބިފައިވާ އެޕްލިކޭޝަންތަކުގެ އަދަދުތަކަށް ބަލާއިރު:
- ރަށްވެހި ހިޔާވެހި އެޕްލިކޭޝަން: 1,329
- ސަހަރު ހިޔާވެހި އެޕްލިކޭޝަން: 586
- ފަހިމާލެ ހިޔާވެހި އެޕްލިކޭޝަން: 341
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ސަރުކާރުން ރައްޔިތުންނަށް ސީދާ ދޫކުރާ ލޯނެއް ނޫނެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 ފައިދާ ފައިދާގައި ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދެއެވެ.
މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ސްކީމަކަށް ބަހާލައިގެންނެވެ:
- ރަށްވެހި ހިޔާވެހި ސްކީމް (ރަށްރަށަށް): އެއްވެސް އިކުއިޓީއަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
- ސަހަރު ހިޔާވެހި ސްކީމް (އާބަން ސެންޓަރުތަކަށް): 5 އިން 10 ޕަސެންޓާ ދެމެދުގެ އިކުއިޓީއަކާއެކު 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
- ފަހިމާލެ ހިޔާވެހި ސްކީމް (މާލެ ސަރަހައްދަށް): 5 އިން 10 ޕަސެންޓާ ދެމެދުގެ އިކުއިޓީއަކާއެކު 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
މާލެއާއި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހު ކުރެވުނު މި ސްކީމަކީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭ ގޮތަށް ސަރުކާރުން މިހާތަނަށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އަދި އެންމެ ލުއި ފައިނޭންސިންގ ޕްރޮގްރާމެވެ.
