މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާނު ސަރުކާރުން 161.9 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.
މި އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އިކުއިނޯ އަކިކޯއެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓްރީގައެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީ އިން ބުނީ މި އެހީއަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ޖަޕާނު ސަރުކާރުން ފޯރުކޮށްދޭ އެހީއެއް ކަމަށެވެ. މީގެއިތުރުން މާލެ ވަށާލާފައިވާ މި ތޮއްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ތޮއްޓެއް ނޫންކަމަށާއި މިއީ ޖަޕާނާއި ރާއްޖެއާއި ދެމެދުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަމަށް ބުނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ހަލީލް ވަނީ މާލެ ވަށައި ލާފައިވާ ތޮށީގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި މާލެއަށް ލިބިގެންދިޔަ ރައްކާތެރިކަމަކީ މި ތޮށީގެ ސަބަބުން ލިބިގެންދިޔަ ރައްކާތެރިކަމެއް ކަމަށާއި، މިތަން މަރާމާތުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
ހަލީލް ވަނީ އެކްސްޗޭންޖް އޮފް ނޯޓްސް އަކީ މި މުހިއްމު މަޝްރޫއު ކުރިޔަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން ހަލީލް ވަނީ ދެ ގައުމު ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެކަން ފާހަގަކުރައްވާ، ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބުގެ އިތުރުން ފިނޭންސް މިނިސްްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޖަޕާން އެމްބަސީއާއި ޖައިކާ އޮފީހުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.