ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކެވި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި އަބުރުގެ ދައުވާ ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ ރަމްޟާން މަހުގެ ތެރޭގައި ސިލްސިލާކޮށް މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ. މި ކަމާ ގުޅިގެން ރައީސްގެ އާއިލާއިން ވަނީ މި މައްސަލަގައި ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އުމައިރުގެ މަންމަ، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ވަނީ މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައެވެ.

ސާޖިދާ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ. އަދި އޭގެ ފަހުން ޖަވާބު ހުށަހެޅި ނަމަވެސް ސާޖިދާގެ ވަކީލު އެދިވަޑައިގެންނެވީ މުއްދަތު ހަމަވި ފަހުން ޖަވާބު ހުށަހެޅުމުން، ގައިރު ހާޒިރުގައި ހުކުމްކޮށް ދިނުމަށެވެ.

މި މައްސަލައިގައި ޣައިރު ހާޒިރުގައި ކުރި ޙުކުމުގައި ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން މަންދީ ދެއްކި ވާހަތަކުގެ ޒިންމާ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް އިސްމާއިލް ނަގަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ވާހަކަތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ފައްޔާޒް އިސްމާއިލްގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް އެދިފައިވާ އިރު، ސިވިލް ކޯޓުން ނިންމީ އެގޮތަށް އެންގެން ނެތް ކަމަށެވެ. އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.