ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ނެގި ލޯނަކާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް އެ ފައިސާ ދައްކައި ހަލާސްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުޅުމާލޭ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ދެއްވައިފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޫކުރި ފެސިލިޓީއަކަށް ދައްކަންޖެހޭ 281,000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް، ޝަމްހީދާއި އިތުރު ފަރާތްތަކެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް އިއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފެސިލިޓީގެ ބާކީގެ ގޮތުގައި މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް 244,826.52 ޑޮލަރު އަދި ޗެރިޓީގެ ގޮތުގައި އަރާފައިވާ 36,647.76 ޑޮލަރާއެކު ޖުމްލަ 281,474.28 ޑޮލަރު (ގާތްގަނޑަކަށް 4.3 މިލިއަން ދިވެހި ރުފިޔާ) ދައްކަންޖެހެއެވެ.
މީގެ އިތުރުން ފެސިލިޓީއަށް މަހުން މަހަށް އަރަމުންދާ ރެންޓަލް ފައިސާއާއި ޗެރިޓީ ފައިސާ، ހުކުމްކުރި ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެމްއައިބީ އަށް ދައްކައި ނިންމުމަށް ވަނީ އަމުރުކޮށްފައެވެ.
އެ އަމުރާއި ގުޅިގެން ޝަމްހީދު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުންޏަކީ ކުރީގެ ރައްޓެހިންތަކަކާ އެކު އުފެއްދި ކުންފުންޏެއް ނަމަވެސް، ޚިޔާލުތަފާތުވުންތަކާ ހުރެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ މިހާރު ހަތް އަހަރު ވެދާނެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެ ލޯނަކީ ކުންފުނީގެ ބައެއް ޙިއްޞާދާރުންގެ އަމިއްލަ ބޭނުމަށް ނަގަން އުޅުނު ލޯނެއް ކަމަށް ވިޔަސް، ލޯނު ނެގެން އޮތީ އޭނާގެ ގެރެންޓީއާ އެކު ކަމަށް ވާތީ އެހީތެރިވުމުގެ ގޮތުން ގެރެންޓީ ދެއްވި ކަމަށް ޝަމްހީދު ވިދާޅުވެފައި ވެއެވެ.
ނަމަވެސް އެ ފެސިލިޓީއަށް ކުންފުނިން ފައިސާ ނުދައްކާކަން އެނގުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އަމިއްލަ ހައިސިއްޔަތުން ފައިސާ ދައްކަވަމުން ގެންދަވާ ކަމަށާއި މައްސަލަ ކޯޓަށް ހުށަހެޅުމުން ވެސް ކުންފުނި ހިންގަން ތިބި އިސް ފަރާތްތަކުން އެއްވެސް ސަމާލުކަމެއް ނުދީ، ކޯޓަށް ޖަވާބުދާރީވެފައި ނުވާ ކަމަށް ޝަމްހީދުގެ ބަޔާނުގައި ވެއެވެ.
ހަމަ އެހެންމެ މިއީ އަމިއްލަ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް ގާނޫނީ ގޮތުން މަތިކުރި ދަރަނި ކޯޓުގެ ޙުކުމާ އެއްގޮތަށް ދައްކައި ނިންމަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ކުންފުނީގެ ވެރިންގެ ގޮތުގައި މިހާރު ތިބި ފަރާތްތަކަކީ އޭނާއާ ސިޔާސީ ގޮތުން ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކުރާ ބައެއް ކަމަށާއި، އަމިއްލަ މަސްލަހަތު ހުރި ކަންކަން ސިޔާސީ ކޮށްގެން އަބުރު ކެނޑުމަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ޝަމްހީދުގެ މައްޗަށް މިފަދަ ހުކުމެއް އިއްވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނިކޮށެވެ.
މީގެ އިތުރުން ވެސް ދާދި ފަހުން ވަނީ ހުކުމާ އެއް ގޮތަށް ސާބިތު ދަރަންޏެއް ނުދެއްކި އޮތް މައްސަލާގައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރަކަށް ހުންނެވި އަހުމަދު ސިނާންގެ ގޮނޑި ގެއްލިފައެވެ. އެފަހަރުވެސް ގޮނޑި ގެއްލިފައި ވަނީ މުހައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުންނެވެ.
