މާލޭ ފަޅުތެރޭގައި އަޅާފައިވާ ފައްތިޔާތަކަކަށް ގަވާއިދުން ފައިސާ ނުދައްކާ ބޭނުންކުރަމުންދިޔަ އަމިއްލަ ކުންފުންޏަކުން 75،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމަށާއި، އެތަނުގައި ހުރި އުޅަނދުތައް ނުނަގައިފި ނަމަ ކުނީގެ ގޮތުގައި ނައްތާލުމުގެ އިހުތިޔާރު މާލޭ ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ ސީޝަޓެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ސިޓީ ކައުންސިލުން ޝަރީއަތަށް ހުށަހެޅި މައްސަލައެކެވެ. ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައްތިޔާގެ އަގު ދައްކަމުން ގޮސްފައެއް ނުވެ އެވެ. އަދި އެއްބަސްވުން ނިމުމަކަށް ގެނެސް، އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް އިޖާބަދީފައެއް ނުވެ އެވެ. އެ ސަރަހައްދުގައި އަޅާފައިވާ ހަތަރު އުޅަނދުގެ ތެރެއިން ތިން އުޅަނދެއް މިހާރު ވެސް އޮތީ އަޑިއަށް ގޮސްފައި ކަމަށާއި، އެތަކެތި ނެގުމަށް ކުރި އިއުލާނުތަކާއި ފޮނުވި ނޯޓިސްތަކަށް ކުންފުނިން ބީރުކަންފަތެއް ދީފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މި މައްސަލައިގައި ކުންފުނީގެ ޣައިރު ހާޒިރުގައި އިއްޔެ ސިވިލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުން ބާތިލުކުރަން ކައުންސިލުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ފައްތިޔާ ފީ އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 75،446 ރުފިޔާ، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ދައްކައި ހަލާސްކުރުމަށް ކޯޓުން ވަނީ އެ ކުންފުންޏަށް އަމުރުކޮށްފަ އެވެ.
މީގެއިތުރުން، އެ ފައްތިޔާތަކުގައި ހުރި އުޅަނދުތައް 10 ދުވަހުގެ ތެރޭގައި ނަގައި، އެ ސަރަހައްދު ސާފުކުރުމަށް ވެސް ހުކުމުގައިވެ އެވެ. އަދި ކޯޓުން ދިން މުއްދަތުގައި އުޅަނދުތައް ނުނަގައިފި ނަމަ، އެ ތަކެތި އެތަނުން ނަގައި ކުނީގެ ގޮތުގައި ނައްތާލުމުގެ ފުރިހަމަ ބާރު ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ.
