ދެމަފިރިއަކު ކޯޓަށް ގޮސް ވަރިވުމަކީ އާންމުކޮށް އާއިލާއެއް ރޫޅި، ދެ މީހުން ދެ ދިމާލަކަށް ދާ ކަމެކެވެ. ކޯޓުން ނިކުމެގެން ދާއިރު، އެއީ ދެ ބީރައްޓެހިންނެވެ. ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ގޭބިސީތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ކޯޓުން ވަރީގެ ސެޓްފިކެޓު ހިފައިގެން އައިސް، އަނެއްކާވެސް ވަންނަނީ އެއް ފުރާޅެއްގެ ދަށަށެވެ. އެއް ކޮޓަރިއެއްގައެވެ.
މިއީ ރުޅިގަދަވެގެން ނުވަތަ އެކުގައި ނޫޅެވިގެން ނިންމާ ނިންމުމެއް ނޫނެވެ. މިއީ ދައުލަތުން އެކަނިވެރި މައިންނަށް ދޭ މާލީ އިނާޔަތުގެ ނާޖައިޒު ފައިދާ ނެގުމަށްޓަކައި، ދެމީހުން އެއްބަސްވެގެން ކުޅޭ ނުރައްކާތެރި ކުޅިވަރެކެވެ. މިއީ ދަރިންގެ ހަރަދު ބެލެހެއްޓުމަށް ނުކުޅެދޭ ހާލަތުގައި، ނުވަތަ ވަޒީފާ އަދާކުރަން ބޭނުން ނުވާ ބަފައިން ދައުލަތުގެ އެހީއަށް ބަރޯސާވެ، ބައްޕަގެ މާލީ ޒިންމާތަކުން ރެކެން ހޯދާ ފުރުސަތެކެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ނުޖެހުނު ނަމަވެސް، ފައިސާގެ ދަހިވެތިކަމުގައި "މަކަރުވެރި" ގޮތެއްގައި އިނާޔަތް ހޯދަން ނިންމުމަކީ ކުޑަކަމެއް ނޫނެވެ.
ހަގީގީ އެކަނިވެރި މައިން، ފިރިއެއްގެ އެއްވެސް އެހީތެރިކަމެއް ނެތި، ކުލި ދައްކައިގެން ދަރިންނަށް ކާންބޯންދޭން އިންތިހާއަށް ހާލުގައި އުޅެމުންދާއިރު، މިފަދަ މަކަރުވެރި އަމަލުތަކުގެ ސަބަބުން މުޅި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ވަނީ ހުތުރު ނަން ލިބިފައެވެ. ބައެއް މައިން ދުވާލު ހަތަރުދަމު މަސައްކަތްކޮށްގެން ލިބޭ މަދު ފައިސާކޮޅުން ދަރިންގެ ސްކޫލު ފީއާއި ކެއިންބުއިމުގެ ހަރަދުތައް ހަމަޖައްސަން މަސައްކަތްކުރާއިރު، އަނެއް ބަޔަކު އެއްވެސް ބުރައަކާ ނުލައި ދައުލަތުގެ ފައިސާއިން މުއްސަނދިވަމުންދެއެވެ. މިއީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫނެވެ. މިއީ މުޖުތަމައުގެ އަހުލާގީ ފޭރާން ވީދިގެންދާ ކަމުގެ ސާފު ހެއްކެކެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް އެކަނިވެރި މައިންނަށް ދޭ އިނާޔަތަކީ ނިކަމެތި ހާލުގައި ކުދިން ބަލާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ދޭ އެއްޗެކެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަމުންދާ އާ އުސޫލުގެ ދަށުން، ކޮންމެ ކުއްޖަކަށް މަހަކު 3،000 ރުފިޔާގެ މަގުން، ގިނަވެގެން ހަތަރު ކުދިންނަށް 12،000 ރުފިޔާއާ ހަމައަށް އިނާޔަތް ލިބެއެވެ.
މި ފައިސާގެ ދަހިވެތިކަމުގައި ބައެއް މީހުން އޮޅުވާލުމުގެ މަސައްކަތް ފަށަނީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ. ވަރިވުމަށްފަހު، އެންސްޕާގެ ޝަރުތު ފުރިހަމަވާ ތިން މަސްދުވަސް ހަމަވަންދެން މަޑުކުރެއެވެ. އެއަށްފަހު ފޯމު ހުށަހަޅައި، ފައިސާ ޖަމާވާން ފެށުމާއެކު، ކުރީގެ ފިރިމީހާ އަނެއްކާވެސް ގެއަށް ބަދަލުވެ، ދެމަފިރިންގެ ގޮތުގައި ދިރިއުޅެން ފަށައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި، ހައްގު ނޫން ފަރާތްތަކަށް އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތުގެ ގޮތުގައި 10 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ މިފަދަ އޮޅުވާލުންތަކުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާއެވެ. މި އަމަލަކީ ހަމައެކަނި މާލީ ކުށެއް ނޫނެވެ. މިއީ އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ހަރާން ފާފައެކެވެ. ދީނީ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ޝަރުއީ ގޮތުން ވަރިވުމަށްފަހު، ރުޖޫއަނުކޮށް ނުވަތަ އަލުން ކައިވެނި ނުކޮށް އެއްތަންވެ އުޅުމަކީ ހަރާމްކަމެކެވެ. މީގެ އިތުރުން، އޮޅުވާލައިގެން ދައުލަތުން ހޯދާ ފައިސާއަކީ މަކަރާއި ހީލަތުން ހޯދާ ހަރާން މުދަލެވެ.
މިފަދަ މަކަރުވެރި މާހައުލެއްގައި ބޮޑެތިވާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ފުން އަސަރުތަކެއް ކުރެއެވެ. މައިންބަފައިން ދައުލަތަށް އޮޅުވާލައިގެން، ދޮގު ހަދައިގެން އުޅޭ މަންޒަރު ފެނުމަކީ ކުދިންގެ އަހުލާގަށް ކުރާނެ އެންމެ ނޭދެވޭ އެއް އަސަރެވެ. އިޖުތިމާއީ މަސައްކަތްތެރިން ޒިޔާރަތްކުރާ ހާލަތްތަކުގައި، ބައްޕަ ގޭގައި ނޫޅޭ ކަމަށް ބުނަން ކުދިންނަށް މަޖުބޫރުކުރުވައެވެ. މީގެ ސަބަބުން ކުދިންގެ ހިތްތަކުގައި ދޮގުހެދުމާއި މަކަރުހެދުމަކީ އާދައިގެ ކަމެއްކަމަށް ވިސްނިގެންދެއެވެ. އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އިތުބާރު ގެއްލި، މާއްދީ މަންފާއަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެކަމުގެ ނުބައި ފިލާވަޅެއް އެ ކުދިންނަށް ދަސްވެއެވެ.
އަނެއްކޮޅުން، އެންސްޕާއިން އަހަރެއްގެ މައްޗަށް 55 މިލިއަނަށްވުރެ ގިނަ ރުފިޔާ މި އިނާޔަތަށް ހަރަދުކުރާއިރު، މަކަރު ހަދާ މީހުންގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހެއެވެ. މީގެ އެންމެ ހިތާމަވެރި ނަތީޖާއަކީ، ހަގީގަތުގައިވެސް ފިރިއެއްގެ އެހީތެރިކަމެއް ނެތި، ބުރަ މަސައްކަތުން ދަރިން ބަލަމުންދާ ނިކަމެތި މައިންނަށް ލިބެންޖެހޭ ފުރިހަމަ އެހީތެރިކަމަށް ހުރަސްއެޅުމެވެ. ވަސީލަތްތައް މަދުވުމުގެ ސަބަބުން، ހަގީގީ ހައްގުވެރިންނަށް އެކަށީގެންވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތަށް ދަތިތަކާ ކުރިމަތިވެއެވެ. މިއީ އިޖުތިމާއީ އަދާލަތު ގެއްލި، މުޖުތަމައުގެ އެންމެ ނާޒުކު ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ވަރަށް މުހިންމެވެ. އޮޑިޓް ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ގޮތަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި އެންސްޕާގެ ޑޭޓާބޭސް ގުޅިފައި ނެތުމަކީ މިފަދަ ކަންކަމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ. ކޯޓުތަކުން ކުރާ ވަރީގެ މައުލޫމާތާއި، އެމީހުންގެ ދިރިއުޅުމުގެ ހާލަތު ވަގުތުން ވަގުތަށް އެނގޭނެ ނިޒާމެއް ނެތުމުން، އޮޅުވާލުމަށް ފުރުސަތު ހުޅުވިގެންދެއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދޭ އިޖްތިމާއީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މިއެހީތައް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީތައް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ނޮވެންބަރު 30، 2026 ގެ ކުރިން ވަންގަވް މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއީ މި ނިޒާމު ހަރުދަނާކުރުމަށް އެޅިގެންދާ ފިޔަވަޅެއްކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.
މަކަރު ހަދައިގެން ދައުލަތުގެ ފައިސާ ހޯދުމަކީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުންވެސް ކުށަކަށް ވާއިރު، މިކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. މުޖުތަމައުގެ ފަރުދުންވެސް މިފަދަ ކަންކަމަށް ލޯމަރާނުލައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އިޖުތިމާއީ ޒިންމާއެކެވެ. ދައުލަތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެންސްޕާއިން މިހާރު ފަށާފައިވާއިރު، މިއީ މި ނާޖައިޒު އަމަލުތަކަށް ނިމުމެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

