ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެ ހޮސްޕިޓަލުން މިއަދު ނޫސްބަޔާނެއް ނެރެފިއެވެ.

މިކަމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ، އެ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ފެތުރެމުންދާ ބައެއް ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

ހޮސްޕިޓަލުން ބަޔާންކުރި ގޮތުގައި، އެތަނުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި، ކަރާމާތާއި، އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ހިދުމަތްތަކެކެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމަކީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ގާނޫނުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

"ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި، ސިއްހީ ހިދުމަތްތެރިން އަދި އެ ފަރާތްތަކުގެ އާއިލާތަކަށް ނަފްސާނީ ނުތަނަވަސްކަން ލިބި، ސިއްހީ ހިދުމަތަށް އޮންނަ އިތުބާރު ގެއްލިގެންދިއުމަކީ މި ހޮސްޕިޓަލުން ނުހަނު ކަންބޮޑުވާ ކަމެއް،" ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުން ވަނީ ކަށަވަރުނުވާ ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ދައުލަތުގެ މުއައްސަސާއެއްގެ ހައިސިއްޔަތުން، ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމާއި، ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމުގައި ދެމިތިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި ބަޔާން ނިންމާލަމުން ހޮސްޕިޓަލުން ވަނީ ރައްޔިތުން އެ ހޮސްޕިޓަލަށް ކުރާ އިތުބާރަށް ޝުކުރު އަދާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް އަހުލާގީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ.