މުޅިން އަލަށް ހުޅުމާލެ ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސާޖަރީއެއް ކޮށްފިއެވެ.
އެ ހޮސްޕިޓަލްގެ، ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ހިއްސާ ކުރެއްޕި ޕޯސްޓެއްގައި ވިދާޅުވީ، އެ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަހުމަދު އާޒިމްގެ އިސްނެންގެވުމުގެ ދަށުން އާތްރޮސްކޮޕިކް (ކީހޯލް) ނީ ސާޖަރީއެއް ހުޅުމާލެ ހޮަސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށެވެ.
އަދި ރަސްމީކޮށް އެ ސާޖަރީގެ ހިދުމަތް ވެސް މިހާރު ފެށިފައިވާ ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ. މި އާ ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަސް ރިކަވަރީ ލިބިގެންދާނެކަން ފާހަގަ ކުރައްވާ ހަލީމް އިތުރަށް ވިދާޅުވީ މި ކުރިއެރުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅިގެން ދިޔަ އިތުރު ފިޔަވަޅެއް ކަމަށެވެ.
"ކުރިއަށް އޮތްތަނުގައިވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ދެމިތިބޭނެކަމުގެ ޔަގީންކޮށް އަރުވަން" ހަލީމް ކުރެއްވި ޕޯސްޓުގައި ވެއެވެ.
މި ސާޖަރީއަކީ ކަކުލާ ދިމާލުން ކުޑަ ތަންކޮޅެއް ފެޅުމަށްފަހު، ކުޑަ ކެމެރާއެއް ލައްވައިގެން ކަކުލުގެ ހުޅުގެ އެތެރޭގައި ހުންނަ މައްސަލަތައް ބަލައި، ފަރުވާދިނުމަށް ކުރަމުންދާ ސާޖަރީއެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލްގައި މި ސާޖަރީ އަލަށް ކުރިއިރު މިދިޔަ ހަފްތާ ތެރޭ އައިޖީއެމްއެޗްއިން ވެސް ވަނީ އާ ހިދުމަތެއް ދޭން ފަށާފައެވެ. މިއީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ޓްރީޓްމަންޓަކަށްވާއިރު އެ ފަރުވާގައި ޕެރިފެރަލް ރެޓިނާއަށް ޓާގެޓްކޮށް ލޭޒާ ޖަހައި، އާންމުކޮށް ނުހުންނަ ލޭހޮޅިތައް ކުޑަކޮށް، އިތުރަށް އުފެދުން ހުއްޓުވައެވެ.
އަދި ސްކާރިން އާއި ރެޓިނަލް ޑިޓާޗްމަންޓް ހުއްޓުވުމަށް މިނިމަމް، މިނިމަލީ އިންވޭސިވް ޕްރޮސީޖާއެއް ކުރިއަށް ގެންދެއެވެ.