އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފިއެވެ.

ކަރެކްޝަނުން ބުނީ، ފިލާފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސެއިން ޝަހުބާން ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް އޭނާ ފިލާފައިވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންގެ 3322111 ނަންބަރަށް ގުޅައި، އެކަން އެންގުމަށް ކަރެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭނާ އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ, ފަަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އަދި ހަމަ އެ މައްސަލާގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ފަރުވާއަށް ގެންދިއުމުން ފިލި މައްސަލައެއް ފެންމަތިވެފައިވާއިރު، ގއ. ވިލިނގިލީގެ ފުލުހުންގެ ބަންދުގައި ހުރި މީހަކު ގއ. އަތޮޅު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނިކޮށް ވެސް ފިލި މައްސަލައެއް މިމަހުގެ 8 ވަނަ ދުވަހު ވަނީ ފެންމަތިވެފައެވެ. ނަމަވެސް އޭނާ ވަނީ ހަމަ އެދުވަހު އަލުން ހައްޔަރުކޮށްފައެވެ.