ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ބިދޭސީ އަންހެނަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި ޒަހަމްވެފައި ވަނީ ނޭޕާލްއަށް ނިސްބަތްވާ 21 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ އަންހެން މީހާއަކީ ހުޅުމާލެ ފޭސް 1 ގެ ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެމީހާ ޒަހަމްވެފައި ވަނީ ކޮން ކަމަކާ ގުޅިގެން ހިންގި މާރާމާރީއެއްގައި ކަމާއި އެ މާރާމާރީ ހިންގި ސަރަހައްދު އަދި ސާފުވާ ގޮތެއް ނުވެއެވެ. އަދި އެ އަންހެން މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ސާފުވާ ގޮތެއް ނުވެއެވެ،
މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.