ހުޅުމާލޭގެ އާ މާސްޓާ ޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވޭނެ މާސްޓާ ޕްލޭނެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭން ހަގީގަތަކަށް ހެދުމުގައި ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތްކޮށް މަސައްކަތް ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ގްރޭޓާ މާލޭ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓާ ޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ތަރައްގީގެ ކަންކަން ކުރިއަށްގެންދަން ވާނީ މި ކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށާއި ރިވައިސްޑް މާސްޓާ ޕްލޭނާއެކު އެ ފުރުސަތު ފަހިވާކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާހުކުރެވުނު، އެޗްޑީސީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓަކީ ހެޔޮވެރިކަން ކަށަވަރުކުރުމުގެ މޭރުމުން ހުޅުވިގެންދިޔަ މުހިންމު ދޮރޯއްޓެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި އެ ތަންތަނުގެ އިސްވެރިންނާއި ޓީމަށްވެސް އެކި ބަދަލުތައް ގެންނަވާކަން ފާހަގަކުރައްވާފައެވެ. އޭގެ މަގުސަދަކީ ގުޑް ގަވާނަންސް ނުވަތަ ހެޔޮވެރިކަން ކަށަވަރުކޮށް، ދެފުށް ފެންނަ ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއްގެ ތެރެއިން ކުންފުނިތަކުގެ ހިންގުން ޔަގީންކުރެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި މުއައްސަސާތަކަކީ، ކޮރަޕްޝަނާ ދުރުން، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ތަންތަނަށް ވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ކޮރަޕްޝަން ހިންގުމަށް އެއްވެސް މީހަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެނައުމަށް ބޭނުންވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ހުޅުމާލޭގެ ހުރިހާ ފިޔަވައްސެއްގައި ފުއްދަވައިދެއްވަން ވައުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް އެޗްޑީސީގެ އެއްބާރުލެއްވުމާއެކު، ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުންނެވެ.
އެޗްޑީސީގެ ވެބްސައިޓް ތަރައްގީކުރެވިފައި ވަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ވީހާވެސް އަވަހަށް އަދި އެހާމެ ލުއިފަސޭހަކަމާއެކު ލިބިގަނެވޭނެ ފަދަ ގޮތަކަށެވެ. އެގޮތުން މި ބަދަލުތަކާއެކު ބިލްޑިންގް އެޕްރޫވަލްސް އަދި ބިޑް އެޕްރޫވަލްސްގެ ދުވެލި ހަލުވިވެގެންދާނެއެވެ. ހަމަމިއާއެކު ކުންފުނީގެ މަސައްކަތްތަކުގެ ހާމަކަން އިތުރުކުރުމުގެ ގޮތުން މި ވެބްސައިޓްގައި ވިސަލްބްލޯވާ ޕޯޓަލްއެއްވެސް ވަނީ ހިމަނާފައެވެ.