ދިވެހިރާއްޖެއަށް ލިބިފައިވާ ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ފަހަތުގައި އޮތީ އެކި ދާއިރާތަކުގައި ހިދުމަތް ކުރާ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރާއްޖޭގައި ކުރެވޭ އިގްތިސޯދީ މަސައްކަތްތައް އިތުރުކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކި ދާއިރާތަކުގެ ހިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި މަސައްކަތުގެ އަހްލާގާއި ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން. މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީ ވެސް މަސައްކަތްތެރީން. ދިވެހި އުންމަތުގެ ހަކަތައަކީ ބުންވަރަކީ މި ގައުމުގެ ހީވާގި ހިދުމަތްތެރީން
ރައީސް މުއިއްޒު

ކޮންމެ ކުއްޖަކީ ވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެންމެ ދިވެއްސަކު ވެސް މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖްތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއް ކަމަށެވެ. ކޮންމެ ދުވަހަކުވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށެވެ.

މަސައްކަތްތެރީންގެ އަޑު އެހުމުގައި އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ ލިބޭ އާމުދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރައީސްދެއްވިއެވެ.