2025 ގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން އާންމު ކުރި ތަފާސްހިސާބުން ދައްކައިފިއެވެ.
އެސްޓީއޯ އިން އިއްޔެ އާންމު ކުރި މި ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރު ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4 ބިލިއަން ލިބިފައިވާ އިރު، މިއީ، 2024 ގެ ހަތަރު ވަނަ ކުއާޓަރުގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު 4.6 ޕަސެންޓްގެ ކުރިއެރުމެކެވެ.
ކުރީ އަހަރާ އަޅާބަލާ އިރު އާމްދަނީ ދަށްވެފައި ވަނީ މައިގަނޑު ގޮތެއްގައި 2024 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މަތިވެފައިވާ ބައިނަލްއަގްވާމީ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީއަށް އަސަރުކުރި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ދާއިރާ އާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. ތެލުގެ ވޮލިއުމް އިތުރުވެ، ޖެނެރަލް ޓްރޭޑިން، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއާ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި، ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާނޭ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާއެކު އެކަށީގެންވާ މާލީ ނަތީޖާއެއް ވަނީ ހާސިލްކޮށްފައެވެ.
ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުން ވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވެއެވެ. ހާއްސަކޮށް އާންމު ވިޔަފާރި އާއި، އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްހީ ހިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ލިބިފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 583 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާ އިރު ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައި ވަނީ މައިގަނޑު ގޮތެއްގައި ތެޔޮ ވިއްކާ އަގު ދަށްކުރި ކުރުމުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ ވެސް ދަށް އަދަދެކެވެ. ހިންގުމުގެ ހަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވީ ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައި ވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 169 މިލިއަން ރުފިޔާ މި އަހަރު ފުތަރަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 ޕަސެންޓް ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައި ވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޒަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައި ވާކަމަށް އެސްޓީއޯ އިން ފާހަގަ ކުރެއެވެ.