އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން އެކުލަވާލާފައިވާ ކޮރަޕްޝަނާ ދެކޮޅު މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
"މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮން އެންޓިކޮރަޕްޝަން ލޯއެންފޯސްމެންޓް ކޯޕަރޭޝަން" ގެ ނަމުގައި ގާއިމްކޮށްފައިވާ މި މުއާހަދާގައި ރާއްޖެ ބައިވެރިވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 58 މެންބަރުންގެ އިއްތިފާގުންނެވެ.
މި މުއާހަދާގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަން ހުއްޓުވުމާއި، މާލީ ހާމަކަން އިތުރުކުރުން ކަމަށް ވާއިރު، ނާޖާއިޒް ގޮތުގައި މީހުން ހޯދާ މުދާ ދައުލަތަށް އަނބުރާ ހޯދުމުގައި އޯއައިސީގެ މެންބަރު ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމެވެ.
މި މުއާހަދާ އެކުލަވާލާފައިވަނީ 2022 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ޖިއްދާގައި އޯއައިސީގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބޭއްވެވި ބައްދަލުވުމެއްގަ އެވެ. އޭގެފަހުން، 2023 ވަނަ އަހަރުން ފެށިގެން މައްކާ ކޮންވެންޝަން ގައި ގައުމުތަކުން ސޮއިކުރަން ފަށާފައިވާއިރު، މިހާތަނަށް 21 ގައުމަކުން ވަނީ މި މުއާހަދާގައި ސޮއިކޮށްފަ އެވެ.
މި މުއާހަދާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ކޮރަޕްޝަނާއި މާލީ ކުށްތަކާ ގުޅޭ ޖާސޫސީ މައުލޫމާތު މެންބަރު ގައުމުތަކުގެ މެދުގައި ހިއްސާކުރުމާއި، ތަހުގީގުތަކާއި ދައުވާތައް ކުރުމުގައި ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އެއްބާރުލުން ދިނުން ހިމެނެ އެވެ. މީގެ އިތުރުން، އެއް ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ދިނުމާއި، ކުށްކޮށްގެން ހޯދާ މުދާ ހުރި ތަންތަން ދެނެގަނެ ހިފެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުން ވެސް މި މުއާހަދާގެ މުހިންމު ބޭނުންތަކުގެ ތެރޭގައި ހިމެނެ އެވެ.
އަދި، މީހުން ތަމްރީން ކުރުމުގައި އެއްބާރުލުން ދިނުމާއި ފަންނީ މައުލޫމާތު ހިއްސާކުރުން، އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެން ޖަމިއްޔާ، ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރުން ވެސް މި މުއާހަދާގައި ބައިވެރިވާ ގައުމުތަކަށް ލާޒިމުވެ އެވެ. ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތު ހިފުމާއި މަނީލޯންޑަރިން އަދި އިންސާފަށް ހުރަސްއެޅުން ފަދަ ކުށްތައް ހުއްޓުވަން، މި މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުން އެއްބާރުން ދިނުން މުއާހަދާގައި ބަޔާންކޮށްފައިވެ އެވެ.
