މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ތަހުގީގަށްފަހު މިއަދު އޭނާގެ އާއިލާއާ ހަވާލުކޮށްފިއެވެ.
މާލޭގެ މާފަންނުގައި ހުންނަ ގެއެއްގެ ތެރޭގައި މާފަންނު އަލުވިމާގެއާގެ އުމުރުން 40 އަހަރުގެ މުހައްމަދު ހިޝާމް މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 4:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން އާއިލާއާ މަޝްވަރާކޮށް ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު އިއްޔެ ހަށިގަނޑު މޯޗަރީއިން ނެރުމުގެ އިންތިޒާމްތައް ހަަމަޖެހިފައިވާކަން އާއިލާއަށް އަންގާފައިވާނެ ކަމަށެވެ.
އެގޮތުން ހިޝާމްގެ ހަށިގަނޑު ވަޅުލަން ބޭނުން ވަނީ މިއަދު ކަމަށް އާއިލާއިން ބުނެފައިވާތީ މިއަދު އޭނާގެ ހަށިގަނޑު އާއިލާއާ ހާވަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިފަދައިން ބުނެފައި ވާއިރު، ހިޝާމްގެ މައްޗަށް ކަށުނަމާދުކޮށްފައި ވަނީ މިއަދު އަސުރު ނަމާދަށްފަހު މާލެ އާސަހަރާ މިސްކިތް (މަސްޖިދުއްތައުވާނީ) ގައެވެ.