ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަށް މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޖެންޑާކޮށްފައިވާ ޖަލްސާ ހުޅުވާލަން އެދިއްޖެއެވެ.
އެގޮތުން މިރޭ ބާއްވާ ޖޭއެސްސީގެ މި ޖަލްސާ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން އަޒްމިރަލްދާ ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި އަޒްމިރަލްދާ އެދިވަޑައިގެންފައި ވަނީ، ޖޭއެސްސީގެ ބައްދަލުވުމަށް ގާނޫނީ ވަކީލަކާ އެކު ހާޒިރުވެވަޑައިގެން ދިފާއީ ހެކި ހުށަހަޅުއްވައި ވާހަކަ ދެއްކެވުމަށް ފުރުސަތު ދިނުމަށާއި، އަޒްމިރަލްދާ ހާޒިރުވެވަޑައިގެން ބާއްވާ އަޑުއެހުމާއި ކޮމިޝަނުގެ ބައްދަލުވުން ވެސް ހުޅުވާލައިގެން ބޭއްވުމަށެވެ. އަދި މި މައްސަލަ ތަހުގީގު ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކޮމިޝަންގެ ނިންމުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ވެސް އޭނާ އެދިވަޑައިގެންފައި ވެއެވެ.
މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. އެކަމަކު އެ މައްސަލާގެ ތަފްސީލު މިހާތަނަށް ހާމަ ނުކުރި ނަމަވެސް ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް ތުހުމަތުކޮށް އެހެން ދެ މައްސަލައެއް ވެސް ތަހުގީގުކުރަން ފަށާފައެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތެވެ.
މީގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނެ އެ މައްސަލަ ވެސް ވަކިން ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި ތަހުގީގު ކޮމެޓީގެ ނިންމުމާ މެދު ޖަވާބުދާރީ ވާން އެ ދެ ފަނޑިޔާރުންނަށް ފުރުސަތު ދިނުމަށްފަހު އެ ބޭފުޅުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާ މެދު މިރޭ ބާއްވާ ޖަލްސާގައި ގޮތެއް ނިންމާނެއެވެ.
ޖޭއެސްސީން މި ޖަލްސާ ތާވަލް ކުރިއިރު، އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވާފައެވެ.