ވަޒީފާ އަދާކުރާ ވަގުތު ކުޑަކުދިން ބަލަހައްޓާނެ ތަނެއް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓު މިނިސްޓްރީގައި ގާއިމުކޮށްފިއެވެ.

އެ މިނިސްޓްރީ އިން ބުނީ އޮފީސްތަކުގައި ނުވަތަ މަސައްކަތްކުރާ މާހައުލުގައި ކުޑަކުދިން ބަލަހައްޓާ 'ޗައިލްޑް ކެއާ ސްޕޭސް' އެއް ހުރުމަކީ އެކަމުގެ ސަބަބުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ފަސޭހަ ވެގެން ދާނެ ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ވަޒީފާ އަދާކުރުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.

ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓު މިނިސްޓްރީ އިން ބުނީ ދަރިންނާއި ގިނަ ވަގުތު ހާއްސަ ކޮށް ތުއްތު ކުދިންނާއި ދުރުގައި އުޅެން ޖެހުމަކީ ނަފްސާނީ ގޮތުންވެސް މައިންބަފައިންނަށް އޭގެ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި މިފަދަ މާހައުލެއް ގާއިމުވެގެން ދިއުމާއެކު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ނުވަތަ "ޕްރޮޑަކްޓިވިޓީ" ވެސް އިތުރުވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން މުވައްޒަފުން ޗުއްޓީ ނަގާ މިންވަރުވެސް މިކަމުގެ ސަބަބުން ކުޑަވެގެން ދާނެ ކަމަށާއި، މަސައްކަތުގެ މާހައުލާމެދު ޝައުގުވެރިކަން އިތުރުކުރުމަށްވެސް ބާރުއެޅިގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ ނިސްބަތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައިވެސް އޮފީސް މާހައުލުތަކުގައި މިފަދަ ޗައިލްޑް ކެއާ ސްޕޭސްތައް ގާއިމްކުރެވިފައިވެއެވެ. މިފަދަ ތަންތަން ހުރުމަކީ މުވައްޒަފުންގެ ދުވަހުގެ މަސައްކަތްތެރިކަން އިތުރުވެ، މުވައްޒަފުންގެ އިތުރުން ކުންފުންޏަށްވެސް ފައިދާ އިތުރުވާ ކަމެއްކަމުގައި ރިސާޗުތަކުން ދައްކައެވެ.