މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ކުރުމަކީ ގޯސް ހިޔާލެއް ނޫން ކަމަށާއި އެކަމަށް އެންމެ ރަނގަޅު ގޮތަކީ އާ ދައުރަކަށް އިންތިހާބުވާ އިރު މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުން ކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފާށާފައި ވަނިކޮށެވެ.
ފަލާހް ވިދާޅުވީ، 19 ވަނަ މަޖިލީހުގައި އެމްޑީޕީ ސުޕަމެޖޯރިޓީ އޮތް މަޖިލީސް ނިންމާލީ މެންބަރެއްގެ މުސާރަ 10،000 ރުފިޔާއަށް ހަދަން ކަމާގުޅުން ހުރި ކޮމިޓީ އިން ފާސްކޮށްފައި ކަމަށް ފަލާހް ވިދާޅުވިއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރަން އިރުޝާދު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ފަލާހް ފާހަގަ ކުރެއްވިއެވެ.
މިކަމާ ގުޅިގެން ފަލާހްގެ ހިޔާލު ހާމަކުރައްވަމުން ވިދާޅުވީ، މަޖިލީސް މެންބަރުންގެ މުސާރައަށް ބަދަލު ގެނައުން ރަނގަޅީ މަޖިލީސް ދައުރެއް ނިމި އާ ދައުރެއްގެ އިންތިހާބަށް ކަމަށެވެ. ސަބަބަކީ އެތައް މިލިއަން ރުފިޔާ ހަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިހާބަށް ނެގި ދަރަނި އަދާ ކުރާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން 21 ވަނަ މަޖިލީހަށް މެންބަރަކަށް 5000 ރުފިޔާ ކަނޑައެޅީމަ އެ މުސާރަ އޯކޭ ވެގެން ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާ ކުރެވޭކަށް ނޯންނާނެ ކަމަށް ފަލާހް ވިދާޅުވިއެވެ. ހަމައެއާއެކު ކުރީގެ ރައީސުންގެ އިނާޔަތާމެދު ވެސް ވިސްނާލުން މުހިއްމު ކަމަށާއި ފަނޑިޔާރުންގެ ނަން ވެސް ޕެޓިޝަނުގައި ޖަހާލި ނަމަ ސަޅިވީސް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތަފާތު ދައްކަވާ ރައީސް މުއިއްޒުގެ މުސާރައިގެ ދެބައި ކުޅަ އެއްބައި ނަންގަވާ ކޮންމެ ކަމެއްގައި ވެސް ނަމޫނާ ދައްކަވާތީ ރައީސަށް ހާއްސަ ޝުކުރެއް ފަލާހް ވަނީ އަދާ ކުރައްވާފައެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ސޮއިކުރަމުންދާ ޕެޓިޝަން ފެއްޓެވީ މުހައްމަދު ޖަލާލް ނަމަކަށް ކިޔުނު ފަރާތަކުންނެވެ. އެ ޕެޓިޝަންގައިވާ ގޮތުގައި މާލީ ގޮތުން އިގްތިސޯދަށް ދަތިވެފައިވާ މި ދަނޑިވަޅުގައި މެންބަރުންނަށް ދޭ ބޮޑު މުސާރަ އާއި ކޮމެޓީ އެލަވަންސް އަދި ޕްރިމިއަމް ހެލްތު އިންޝުއަރެންސް އަކީ ކަންބޮޑުވާ ކަމެއް ކަން ފާހަގަކޮށް ބޮޑު މުސާރަ އާއި އެލަވަންސްތައް ކަނޑާލުމަށް ވަނީ ގޮވާލާފައެވެ. މަޖިލިސް މެންބަރުންނަށް ލިބިގެންދާ އާސަންދައިގެ ހިދުމަތަކީ ވެސް އާންމު އެހެން ރައްޔިތުންނެކޭ އެއްފަދައިން ލިބިގެންދާ ހިދުމަތަކަށް ހެދުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.
ކާނެ ވަރަށް ކައިފަ ދަމުން އެހެން މީހަކަށް ލިބިދާނެތީ އުޅޭ އުސޫލު ފެންނަނީ. އިހުލާސްތެރިކަމެއް ނުފެނޭ ތި ވިދާޅުވާ އެއްޗަކުން.