ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިއެކޭޝަން މިނިސްޓްރީ އިން މިއަދު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީ އިން ބުނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ފެންވަރު 5ކުން ފެށިގެން ފެންވަރު 10 އަށް ކިޔަވަން ލޯނަށް އެދި ހުށަހެޅޭނެ ކަމަށާއި، މި ލޯނަށް އެދި އަންނަ މަހުގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ. މި ލޯނަށް އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ އިތުރުން މިހާރު ވެސް ކިޔަވާ ދަރިވަރުންނަށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ އަލަށް ކިޔަވަން ފަށައި ދަރިވަރެއްގެ ގޮތުގައި ބަލާނީ ލޯނަށް ހުށަހަޅަން ދީފައިވާ ސުންގަޑިއާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔަވަން ރަޖިސްޓްރީވެފައިނުވާ ނުވަތަ ޓިއުޝަންފީ ދައްކާފައިނުވާ ދަރިވަރުންކަމަށާއި، މިހާރު ކިޔަވަމުންދާ މީހުންގެ ގޮތުގައި ބަލާނީ ލޯނު އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ދަރިވަރުން ކަމަށެވެ.
މީގެއިތުރުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނަށްވެސް ހުޅުވާލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.