މި މުޖްތަމައުގައި ތިބި ހާއްސަ ރައްކާތެރިކަމާ އަޅާލުމާ ލޯބި ލިބެން ޖެހޭ އެންމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާ ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމައުގެ ހުރިހާ ކަމެއް ރޭވުމަށް އިލްތިމާސްކޮށްފިއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތައް އުނިކަން ލިބޭފަދަ އެންމެހާ ކަންތައްތަކަކީ ބައިނަލްއަގްވާމީ މުއާހަދާ ތަކުންނާއި، ގާނޫނު އަސާސީން އަދި ގާނޫނުތަކުން މަނާކުރެވިފައިވާ ކަމެއްކަން ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. ރާއްޖެ ޓީވީން މި މަހުގެ 24 ވަނަ ދުވަހު ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް، ހާއްސަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކާއި އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވަޔަކުން އެފަރާތްތަކަށް ނިސްބަތްކޮށް ވާހަކަ ދައްކާ އަމަލުކޮށްފައި ވާތީ، އިންތިހާއަށް ކަންބޮޑުވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ހިނގާ ދިޔަ ހާދިސާއަކީ މުޖުތަމައުގައި ތިބި ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެ ކަމެއް ކަމަށް ވެސް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ ބުނެއެވެ. މިފަދަ ކަންކަން ތަކުރާރުވެގެން ދިއުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ފަދަ ވާހަކަތައް ދެއްކުން ނޯމަލައިޒްވެގެން ދިއުމުގެ ފުރުސަތު ވެސް އޮތް ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މިކަން ކަމަށް ރިއާޔަތްކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޮމް ހުންނަ ފަރާތްތަކާއި އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްކޮށް ވާހަކަދައްކާފައި ވާތީ، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖެ ޓީވީ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް ބްރޮޑްކާސްޓިންގ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މުޖްތަމައުގައި ތިބި ހާއްސަ ރައްކާތެރިކަމާ އަޅާލުމާ ލޯބި ލިބެން ޖެހޭ އެންމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާ ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމައުގެ ހުރިހާ ކަމެއް ރޭވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ޒަމާނުއްސުރެ މީޑިޔާގައި މިފަދަ ފަރާތްތަކަށް ދެމުން އައި އޯގާތެރިކަމާއި ލޯތްބަށް އުނިކަމެއް ލިބިދާނެ އެންމެހާ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމުގައި ކުރާ މަސައްކަތްކަތުގައި މި މިނިސްޓްރީ ދެމި ހުންނާނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެ ފަރާތްތަކުގެ އާއިލާތަކަށް އަރުވާ ކަމަށް ވެސް އެ ބަޔާޏުގައި ބުނެފައި ވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކުންނާއި ގާނޫނު އަސާސީގެ 35 ވަނަ މާއްދާއިން ހާއްސަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަމަށެވެ. އަދި ގާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނު) ގެ ދަށުން ނުކުޅެދެންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިހްތިރާމް ކުރުމާއި އަމިއްލަވަންތަ ކަމާއި މިނިވަން ކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ އެފަރާތްތަކަށް ލިބިގެންވާ ހައްގެކެވެ. މީގެއިތުރުން، 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަ ދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެއް ކަމުގައި ބަޔާންކޮށްފައި ވެއެވެ.

"ރާއްޖެ ޓީވީން" މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ގެނެސް ދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމްގައި ޕްރެސެންޓަރު ހުސައިން ރަމީޒާއެކު އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އެ ޕްރޮގްރާމްގައި މި ސަރުކާރަށް ފާޑުކިޔައި ގިނަ ވާހަކަތަކެއް ދައްކާފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ނޫސްވެރިއަކަަށް ރައީސް މުއިއްޒު ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފަޔާޒް ވަނީ ރައީސް މުއިއްޒު އަކީ އޯޓިޒަމް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

އަދަދު ނޫހުގެ ސީއީއޯއަށް ރައީސް މުއިއްޒު ގުޅުއްވި އިރު، ނޫސްވެރިއަކަށް އެފަދަ ބޭފުޅަކު ގުޅުއްވައިފި ނަމަ ކޯލު ރިކޯޑު ކުރާނެ ކަން މުއިއްްޒަށް އެނގިވަޑައިނުގަތީ އޯޓިޒަމް ހުރުމުން ކަމަށް ވިދާޅުވެ ޖޯކު ޖެެއްސެވިއެވެ. އެއާއެކު މޮސްޓާ ވަނީ އޯޓިޒަމް އެކަނި ނޫން ކަމަށާއި އެމަނިކުފާނަކީ ޑައުން ސިންޑްރަމް ވެސް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އެއަށް ފަހު ޕްރެޒެންޓަރު ރަމީޒާ އެކު އެ ދެބޭފުޅުން ވެސް ހިނިގަނޑެއް ޖައްސަވާލައްވައެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ރާއްޖެ ޓީވީއަށް އަމާޒުވެފައިވާ އިރު، އެ ޓީވީން ވަނީ މައާފަށް އެދިފައެވެ.