"ދަ ގާޑަންސް" ޕްރޮޖެކްޓް އެކި ފަހަރު މަތިން ނިންމަން ދިން މުއްދަތަށް ނިންމާފައިވާ ނުވާތީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ އެކު ހަދާފައިވާ އެއްބަސްވުން މިއަދު ބާތިލް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި "ދަ ގާޑަންސް" ޕްރޮޖެކްޓް ފަށާފައި ވަނީ 2017 ވަނަ އަހަރު ކަމަށެވެ. އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ފަރާތަށް މުއްދަތު އިތުރުކޮށް ދީފައިވާ ކަމަށާއި ނަމަވެސް ޕްރޮޖެކްޓް ނިންމާފައި ނުވުމުން ޖާހު އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް ނިންމި ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެ ކުންފުންޏަށް ވަނީ ނޯޓިސް ދީފައެވެ. އަދި އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާނެ ކަމަށް ވެސް ވަނީ އަންގާފައެވެ.
ދިން މުއްދަތުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ، އެފަރާތާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް މިއަދު އެ ކުންފުންޏަށް ވަނީ އަންގާފައި ކަމަށް އެޗްޑީސީން ބުނެއެވެ. އަދި، އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު މި ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލު ކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެއެވެ.