މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފިއެވެ.
އިމާދު މަގާމުން ވަކިކުރުމަށް ރައީސަށް މަޝްވަރާ އެރުވުމަށް ފެންނަ ކަމަށް ވިދާޅުވެ، އިމާދު މަގާމުން ވަކިކުރުމަށް މާލިއްޔަތު ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުއެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަލީ ހާޝިމް ހުރިއިރު ގާނޫނު މަތިކޮށްފައިވާ ޒިންމާތައް އޭނާ އަދާކޮށްފައިނުވާއިރު، އެ ޒިންމާތައް އަދާކުރުމަށް އިމާދު މަސައްކަތްކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ގާނޫނުން އިމާދުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އޭނާ ފަސްޖެހިފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
އިމާދު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފްްއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ.
މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައިވާއިރު އެ މައްސަލަ ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ 2 މެންބަރުންނެވެ.