ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފިއެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނަސްގެ މަރުގެ ދައުވާ 7 މީހެއްގެ މައްޗަށްކޮށްފައެވެ.

ޕީޖީއިން ދައުވާކޮށްފައި ވަނީ މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރައްޒާގް، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ޝާޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲގެ އިތުރުން މ. ދިމިޝްގު އުސްމާން ޝަރީފްއެވެ. އަދި މީގެ އިތުރުން ކުޑަކުއްޖަކުވެސް ހިމެނެއެވެ. މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް މެއި 16، 2024 ގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށް، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެގޮތުން އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން އިއްޔެ ނިންމީ، އިސްތިއުނާފް މަރުހަލާގައި މީހަކު ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށެވެ.

އަދި އިސްތިއުުނާފް މަރުހަލާގައި ބަންދު ކުރެވޭނީ ތިން ހާލަތެއް އޮވެގެން ކަމަށާއި އެ ތިން ހާލަތަކީ އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ އިހުތިމާލު ބޮޑު ހާލަތުގައި، މުޖުތަމައުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުމުގެ އިތުރުން އިސްތިއުނާފް ރައްދުވާ ފަރާތް ފިލައިގެން ގޮސްދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުން ކަމަށް ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ.

މި ގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ މުހައްމަދު ފައިސަލް، ހުސެއިން ޝަހީދު (ހައި ކޯޓުގެ އިސް ފަނޑިޔާރު)ގެ އިތުރުން މުހައްމަދު ޝަނީޒު (ބެންޗުގެ ރިޔާސަތު)ގެ އިއްތިފާގުންނެވެ.

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާ ކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.