ފުލުހުންނާއި ސިފައިން ގުޅިގެން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

'ގައުމީ ސަލާމަތާ ގުޅުންހުރި' އެ އޮޕަރޭޝަންގެ ދަށުން ފުލުހުންނާއި ސިފައިން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރަކާތްތެރިވެ، ބައެއް ތަންތަނާއި އެއްޗެހި ފާސްކޮށްފައިވެއެވެ.

އެގޮތުން ޖުމްހޫރީ މައިދާން ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި، އެ މީހާ ދިރިއުޅޭ ގެ ފާސްކޮށް ހައްޔަރުކޮށްފައިވެއެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ އެޕާޓްމެންޓެއް ވެސް ބަލައި ފާސްކުރި ކަމަށް ބައެއް މަސްދަރުތަކުގައި ވެއެވެ.

ރޭ މެންދަމު 2:15 ހާއިރު 'އެކްސް' އަށް ދޫކުރި ކުރު ބަޔާނެއްގައި ފުލުހުން ހާމަކުރިގޮތުގައި، ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންދާ ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށް އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްކޮށްފައި ވެއެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެކި މަސްދަރުތަކުގައިވާ ގޮތުން، ފުލުހުންނާއި ސިފައިން ވަނީ ޖުމްހޫރީ މައިދާނުން ދުއްވާފައި ދިޔަ ޕިކަޕަކާއި ވިނަރެސްގެ އެޕާޓްމެންޓަކާއި ޝަބްނަމް މަގުގައި ހުރި ގެއަކާއި ހެންވޭރު ދަނޑު ކައިރީގައި ހުންނަ ގެއަކާއި ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުންނަ ގެއެއްގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަރަކާތްތެރިވެފައެވެ.

ރޭގެ ވަގުތެއްގައި ފުލުހުން ސޯޝަލް މީޑިއާ އަށް ދޫކުރި ކުރު ބަޔާނެއްގައިވާ ގޮތުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ސިފައިން މާލޭގައި ހަރަކާތްތެރިވަމުން ދާނެއެވެ. އެ ބަޔާން ސޯޝަލް މީޑިއާއަށް ދޫކޮށްލިތާ އިރުކޮޅެއްފަހުން އެ ބަޔާން ނެގުމަށް ފަހު ފުލުހުން މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ބުނީ، ބަޔާން ނަގާފައިވަނީ ނާޒުކު ބައެއް ތަފްސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.