މާލޭ ސަރަހައްދުގައި ގައުމީ ސަލާމަތަށް ހާއްސަކޮށް ހިންގާ އޮޕަރޭޝަނެއްގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަަމަށް ބުނެ ހިއްސާ ކުރި ބަޔާން ކެންސަލްކޮށްފިއެވެ.
ފުލުހުން ބުނީ، މިރޭ ގައުމީ ސަލާމަތަށް ހާއްސަކޮށް މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި ކަމަށް ބުނެ އެކްސްގައި ހިއްސާކުރި ބަޔާން ވަގުތީ ގޮތުން އުވާލައިފި ކަމަށެވެ. އެ ބަޔާން މިހާރު ވަނީ ސޯޝަލް މިޑިއާގެ ޕްލެތްފޯމްތަކުން ޑިލިޓްކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ އެއީ ބައެއް ނާޒުކު ތަފްސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.
ސައްހަ އަދި އިތުބާރު ހިފޭ މައުލޫމާތެއް ފޯރުކޮށްދިނުމަށް ފުލުހުންގެ ހިދުމަތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަފްސީލް ކަށަވަރު ކުރެވޭހާ އަވަހަކަށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިރުކޮޅެއް ކުރިން ފުލުހން އެކްސް އާއި ފޭސްބުކްގައި އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން މިރޭގެ ވަގުތެއްގައިމާލޭ ސަރަހއްދުގައި ފުލުހުންނާއި ސިފައިން ހަރަކާތެރިވަމުން އަންނާނެ ކަމަށެވެ. މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނި ކަމުގައި ވީ ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.