ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުވާން ފުރަތަމަ އަންގާފައި ވަނީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް އެ އަޑުއެހުން މާދަމާއަށް ބަދަލުކޮށްފައިވާކަން އިއްޔެ ޖޭއެސްސީއިން ވަނީ އަންގާފައެވެ. މާދަމާ ބާއްވަން ނިންމި އަޑުއެހުން މިހާރު އަނެއްކާވެސް ވަނީ ފަސްކުރުމަށް ނިންމާފައެވެ. ފަސްކުރުމަށް ނިންމި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން އަޒްމިރަލްދާގެ މައްޗަށް ބަލަމުންދާ އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދު ކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތެކެވެ. ނަމަވެސް މި ތުހުމަތުތަކަށް އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކަކީ އަސްލެއް އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.

މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތް ކުރެއްވި ތަނެއްގައި އަޒްމިރަލްދާ އިންނެވި މައްސަލައެއްވެސް ޖޭއެސްސީ އިން ދަނީ ބަލަމުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ އަޒްމިރަލްދާ ހާޒިރުކޮށް ޖޭއެސްސީއިން ކުރިއަށް ގެންދާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދު ކޮމިޝަނުން ވަނީ އަޑުއެހުން ހުޅުވާނުލަން ނިންމާފައެވެ.

މި މައްސަލައިގައި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕާޓީ ބަދަލުކުރުންނާއި ޕާޓީން ވަކިކުރުމުންވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާއެކު އެ އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހިނގަމުންދަނިކޮށް، އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ ޖޭއެސްސީއިން ވަނީ ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުވެސް ސަސްޕެންޑު ކޮށްފައެވެ. މިކަމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.