ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް ހުސައިން ޝަހީދު އިންތިހާބުކޮށްފި އެވެ.

(ޖޭއެސްސީ)ގެ ނައިބުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރި މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހުންނެވި ބޭފުޅެކެވެ. އޭރު ޖޭއެސްސީގެ ނައިބަކަށް އޭނާ އައްޔަނުކުރެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އެ މަގާމުން އިސްތިއުފާދިނުމުންނެވެ.

ޖޭއެސްސީން މިއަދު ހާމަކުރި ގޮތުގައި އެ މަގާމަށް އައްޔަންކޮށްފައި ވަނީ އެ ކޮމިޝަންގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ހުސައިން ޝަހީދުއެވެ. ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް 7 ގަ އެވެ.

ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އޭނާ ވަނީ މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލްއެލްބީ ހާސިލުކުރައްވާފަ އެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވާ މެންބަރުންނަކީ:

  1. ކޮމިޝަންގެ ރައީސް: ހުސްނީ މުބާރިކު - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު
  2. ކޮމިޝަންގެ މެންބަރު: އަލީ ނަސީރު ގާސިމް - ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު
  3. ކޮމިޝަންގެ މެންބަރު: އަބްދުއްރަހީމް އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ރައީސް
  4. ކޮމިޝަންގެ މެންބަރު: އަހުމަދު އުޝާމް - ބަންޑާރަނައިބު
  5. ކޮމިޝަންގެ މެންބަރު: ހުސައިން ޝަހީދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު
  6. ކޮމިޝަންގެ މެންބަރު:ހަސަން ޝަފީއު - ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު
  7. ކޮމިޝަންގެ މެންބަރު: ފަރުހާދު ރަޝީދު - ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު
  8. ކޮމިޝަންގެ މެންބަރު: އިދްރީސް ފައުޒީ - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު
  9. ކޮމިޝަންގެ މެންބަރު: މުހައްމަދު މުޖްތާޒް - ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް
  10. ކޮމިޝަންގެ މެންބަރު: އަލީ އަބްދުއްލަތީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެންބަރު

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ރާއްޖޭގެ ފަނޑިޔާރުގެތަކާއި އަދުލު އިންސާފުގެ ދާއިރާގެ ކަންކަން ބަލަހައްޓައި، ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދުސްތޫރީ މުއައްސަސާއެކެވެ.