ދެ ގައުމުގެ ކަނޑުގެ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުމަކަށް ފަހު، ޕާކިސްތާނުން އިހުމާލުވި ކަމަށް އިންޑިއާއިން ތުހުމަތުކޮށްފިއެވެ.

ޢަރަބި ކަނޑުގައި ދެ އައުމުގެ ކަނޑުގެ ސިފައިންގެ 2 އުޅަނދެއް ޖެހި ހިނގި ހާދިސާއަކާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން، ނިއުދިއްލީގައި ހުންނަވާ ޕާކިސްތާނުގެ އެންމެ އިސް ޑިޕްލޮމެޓް އިންޑިއާއިން ހާޒިރުކޮށްފިއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުދަ ދުވަހު ބުނީ، އަންގާރަ ދުވަހު ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް އިންޑިއާގެ ހަނގުރާމަމަތީ މަނަވަރެއްގައި ޖެހިފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ ނިއުދިއްލީގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަންގެ ޗާޖޭ ޑި އެފެއާޒްއާ ބައްދަލުކޮށް މި މައްސަލައިގައި ޝަކުވާ ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.

އިންޑިއާއިން ވަނީ ޕާކިސްތާނުގެ ކަނޑުގެ ސިފައިން "ބަލައިނުގަނެވޭނެ އަދި ޕްރޮފެޝަނަލް ނޫން އަމަލުތަކެއް" ހިންގައި، އިންޑިއާގެ ކަނޑުގެ ސިފައިންގެ ޔުނިޓެއްގައި ޖެހުމަށް މަގުފަހިކުރި ކަމަށް ތުހުމަތު ކޮށްފައެވެ.

އަދި މި ހާދިސާއަކީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ސަބްމެރިންތައް މަދުވެގެން ތިން ނޯޓިކަލް މޭލު ދުރުގައި ތިބުމަށް 1991 ވަނަ އަހަރު ވެފައިވާ ދޭދޭ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށްވެސް ބުންޏެވެ.

ހާރިޖީ ވުޒާރާއިން ބުނީ، "މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި" ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަށް އަސްކަރީ ޔުނިޓުތަކުން އިހްތިރާމްކުރަން ޖެހޭނެކަން އެ ގައުމުގެ ސަރުކާރަށް އެންގުމަށް ޗާޖޭ ޑި އެފެއާޒްގެ އަރިހުން އެދިފައިވާ ކަމަށެވެ.

މީގެއިތުރުން އިސްލާމްއާބާދުގައި ހުންނަވާ އިންޑިއާގެ ޗާޖޭ ޑި އެފެއާޒަށްވެސް ވަނީ ޕާކިސްތާނުގެ ހާރިޖީ ވުޒާރާއަށް މިކަމުގައި ޝަކުވާ އުފުލާފައެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހާދިސާއަކީ ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި މިދިޔަ އަހަރު ހިނގި ހަތަރު ދުވަހުގެ ސީދާ ކުރިމަތިލުމަށްފަހު، އަސްކަރީ ގޮތުން ސީދާ ނުތަނަވަސްކަމެއް އުފެދުނު ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރަށް ދީފައިވާ ހާއްސަ ދަރަޖަ ނިއުދިއްލީން 2019 ވަނަ އަހަރު އުވާލުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ދަށްކުރި ފަހުން، އެއްވެސް ގައުމެއްގެ ވެރިރަށުގައި އަނެއް ގައުމުގެ ސަފީރަކު ނުހުންނަވައެވެ.

1947 ވަނަ އަހަރު އިނގިރޭސިންގެ ވެރިކަމުން މިނިވަންކަން ލިބުނު ފަހުން އިންޑިއާ އާއި ޕާކިސްތާނުން ވަނީ ބޮޑު ތިން ހަނގުރާމައެއް ކޮށްފައެވެ. އޭގެ ތެރެއިން ދެ ހަނގުރާމައަކީ ކަޝްމީރުގެ މިލްކުވެރިކަމާ މެދު ކުރެވުނު ހަނގުރާމައެވެ.