ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމުން ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލީ މުސްތަފާ އެ މަގާމުން ސަސްޕެންޑުކޮށްފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އޭނާ ސަސްޕެންޑުކޮށްފައި ވަނީ އެ ކޮމިޝަނުން ވަކޮ ގޮތެއް އަންގަންދެން 60 ދުވަހުގެ މުއްދަތަށެވެ. މުސްތަފާ ސަސްޕެންޑުކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

މީގެ ކުރިން 2020 ވަނަ އަހަރުވެސް މުސްތަފާއަށް ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެންއޭ) އާ ދެކޮޅަށް ބޭއްވި ހަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން ނަސޭހަތް ދީފައެވެ. އެފަހަރު ޖޭއެސްސީން ބުނެފައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓަކާއި ގުޅިގެން އެ ރިޕޯޓް ނެރުނު ޖަމިއްޔާއާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތްތަކާއި މެދުފިޔަވަޅު އެޅުމަށް ގޮވާލާ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ހުޅުދުއްފާރުގައި ބޭއްވި ހަރަކާތުގައި އެރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ މުސްތަފާ ބައިވެރިވެފައިވާކަން ސާބިތު ކުރެވޭ ކަމަށެވެ.

ބަލަމުންދާ އެކި މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ފަނޑިޔާރުންނާއި ގާޒީން ސަސްޕެންޑްކުރެއެވެ. އެގޮތުން އެންމެފަހުން ޖޭއެސްސީން ސަސްޕެންޑުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނެވެ.

ޖޭއެސްސީން އޭރު ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ. އެ ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމުން ތާވަލުކޮށް، އަޑުއެހުން ފެށުމަށް ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށެވެ.

ސަސްޕެންޝަނުގައި ހުންނަވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާދެއްވައިފަ އެވެ. ފަނޑިޔާރުން ވަކިކުރިތާ ދެ އަހަރު ފާއިތުވެގެންދިޔައިރު، އަދިވެސް އޭސީސީން ތަހުގީގު ކުރަމުންދަނީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައި ނުވެއެވެ.