ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 ގެ ކުލިނަރީ ޗެލެންޖުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތާއެކު މި އަހަރުގެ ހަރަކާތްތައް ބުރާސްފަތި ދުވަހު ނިންމާލައިފިއެވެ.

20 އަށްވުރެ ގިނަ ކެޓަގަރީން ވާދަކުރި ކެއުންތައް ތައްޔާރުކުރާ ފަރާތްތަކުގެ މޮޅު ހުނަރާއި ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތު އޮތީ ސެޕްޓެމްބަރު 10 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހުޅުލޭ އައިލެންޑް ހޯޓަލް (އެޗްއައިއެޗް) ގައެވެ.

މި ހަރަކާތާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބުނީ މި ރަސްމިއްޔާތުގެ އެންމެ ހާއްސަ އެވޯޑެއްގެ ގޮތުގައި ދެވުނު "ބެސްޓް ޗެފް" ގެ ޝަރަފުވެރި އެވޯޑު ހޯދާފައިވަނީ ދުސިތް ޑީޓޫ ފޭދޫ މޯލްޑިވްސްގެ މުސްލިމާ އާދަމްކަމަށެވެ.

މިއީ އެފްއެޗްއޭއެމްގެ ތާރީހުގައި ވެސް "ބެސްޓް ޗެފް" ގެ މަގާމު ދިވެހި ކެއުންތައް ތައްޔާރުކުރާ ފަރާތަކަށް އަދި ދިވެހި އަންހެން ޝެފަކަށް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް ވިޒިޓް މޯލްޑިވްސް އިން ބުނީ މުސްލިމާ ވާދަކުރި 4 ކެޓަގަރީގެ ތެރެއިން 3 ކެޓަގަރީއަކުން ރަން މެޑަލް އަދި 1 ކެޓަގަރީން ރިހި މެޑަލް ހޯދާފައިވާކަމަށެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ މުސްލިމާގެ މި ކާމިޔާބީއަކީ ފަތުރުވެރިކަމާއި ކެއުންތައް ތައްޔާރުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުންނަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށާއި، އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ހުނަރުވެރިންގެ ފެންވަރު ވަޒަންކުރެވިގެންދާކަމެއްކަމަށެވެ.

މީގެއިތުރުން މި މުބާރާތުގެ އެންމެ މޮޅު އޮގަނައިޒޭޝަން ނުވަތަ "މޯސްޓް އައުޓްސްޓޭންޑިން އޮގަނައިޒޭޝަން" އެވޯޑު ހޯދާފައިވަނީ ދުސިތް ޑީޓޫ ފޭދޫ މޯލްޑިވްސްއިންނެވެ. މި އަހަރުގެ ކުލިނަރީ ޗެލެންޖުގައި 20އަށްވުރެ ގިނަ ކެޓަގަރީ ހިމެނުނުއިރު، މިއީ މި ދާއިރާގެ ފަންނީ ބޭފުޅުންގެ ކުރިމަތީގައި ޝެފުންގެ ފަންނީ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ލިބުނު ރަން ފުރުސަތެއްކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

އެފްއެޗްއޭއެމް ގްލޯބަލް ކުލިނަރީ ޗެލެންޖު 2026 ގެ މައިގަނޑު އެވޯޑުތައް:

  • މޯސްޓް އައުޓްސްޓޭންޑިން އޮގަނައިޒޭޝަން އެވޯޑު: ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސް
  • ބެސްޓް ޗެފް: މުސްލިމާ އާދަމް (ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސް)
  • ބެސްޓް މޯލްޑިވިއަން ޗެފް: މުސްލިމާ އާދަމް (ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސް)
  • ބެސްޓް ޕޭސްޓްރީ ޗެފް: ދޮން މަދޫޝަންކާ (ކަލާޒް އޮފް އޮބްލޫ މޯލްޑިވްސް)
  • ބެސްޓް މޯލްޑިވިއަން ޕޭސްޓްރީ ޗެފް: އާމިނަތު އަވާނީ ހުސައިން (ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސް)

ވިޒިޓް މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ކާބޯތަކެއްޗާއި ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ އެފްއެޗްއޭއެމް ދެން އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައިކަމަށެވެ.