ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި މިފަހަރުގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގެ ސަބަބުން، ޕާޓީގެ މަންދޫބުންނާއި މެންބަރުންނަށް ކުރިއަށް ދިއުމަށް އާ ހިތްވަރަކާއި ފޯރިއެއް ލިބިގެންދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ 'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އަބްދުއްރަހީމް ވިދާޅުވީ، މިއަހަރުގެ ކޮންގްރެސްގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ދިޔައީ ވަރަށް ބޮޑު ކާމިޔާބީއަކާ އެކުގައި ކަމަށެވެ. އަދި ކޮންގްރެސްގެ ތެރެއިން މިއަދު ހެނދުނު ވަރަށް ވަރުގަދަ އިންތިހާބެއް ކުރިއަށްދިޔައިރު، އެކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ކަންބޮޑުވާންޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އިންތިހާބެއްގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޕީއެންސީގެ މެންބަރުންނަކީ ޕާޓީގެ ރޫހުގައި ސާބިތުވެ ތިބޭނެ ބައެއްކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޕާޓީގެ މެންބަރުންނަކީ ޕާޓީއަށާއި، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި، ޕާޓީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކޮށް، ލޯބިކުރާ ވަފާތެރި ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން މިހާތަނަށް ބޭއްވުނު އެންމެ ބޮޑު، އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ކޮންގްރެސްއަކީ މިއީ ކަމަށް ސިފަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން މުޅި ރާއްޖޭގައި ޕާޓީގެ ރޫޙު އިތުރަށް ވަރުގަދަވެ، ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް މުޅި ޕާޓީއަށް އިތުރު ހަކަތައެއް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން، މި ކޮންގްރެސް މިހާ ފުރިހަމަކަމާއި ކާމިޔާބީއާއެކު ބޭއްވުމުގެ އަސްލަކީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ދެއްވި ހާއްސަ ސަމާލުކަމާއި އިސްކަން ކަމުގައި ޗެއާޕާސަން ވިދާޅުވިއެވެ. އެގޮތުން ހުރިހާ ކަމެއް ވަރަށް ގާތުން ބައްލަވައި، އެންމެ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސެވުމަށް އެމަނިކުފާނު މަގުފަހިކޮށްދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވި މަންދޫބުންގެ ފަރާތުން ވެސް ފެނިގެންދިޔައީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ވެސް މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ އިންތިޒާމު ރަނގަޅު، އެންމެ ފުރިހަމަ ކޮންގްރެސް ކަމަށެވެ.
